ދެކުނު އިރުމަތީ އޭޝިއާގެ "ކަނޑުގެ ނޯމޭޑްސް" ނުވަތަ ކަނޑުމަތީގައި ދަތުރުކޮށް އުޅޭ މީހުންގެ ގޮތުގައި މަޝްހޫރުވެފައިވާ ބާޖާއު މީހުންނަކީ، އިންސާނީ ނަސްލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބައެވެ. ފިލިޕީންސް، މެލޭޝިއާ އަދި އިންޑޮނޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މި މީހުންގެ ސަގާފަތާއި ހަށިގަނޑުގެ އޮނިގަނޑު ބައްޓަންވެފައިވަނީ ސީދާ ކަނޑުގެ ދިރިއުޅުމާ ގުޅޭގޮތަށެވެ.

ކަނޑުމަތީގެ ދިރިއުޅުމާއި ސަގާފީ އައިޑެންޓިޓީ:

ބާޖާއު މީހުންގެ ތާރީޚަށް ބަލާއިރު، މީގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެމުން އައީ އޮޑިދޯނިފަހަރުގައެވެ. މަސްވެރިކަން ކުރުމަށްޓަކައި އެއް ތަނުން އަނެއް ތަނަށް ދަތުރުކޮށް އުޅުމަކީ އެމީހުންގެ އާދައެކެވެ. ބައެއް މީހުން ތިލަ ފަޅުތަކުގައި މުޑިޖަހާ ގެތައް އަޅައިގެން ދިރިއުޅެއެވެ. އެމީހުންގެ މުޅި ދިރިއުޅުން ބިނާވެފައިވަނީ މަސްވެރިކަމާއި، ނޭވާ ހިފަހައްޓައިގެން އަޑިއަށް ގޮސް ފީނާ ކަނޑުގެ ވަސީލަތްތައް ހޯދުމުގެ މައްޗަށެވެ.

ބާޖާއު މީހުންގެ އަގީދާއާއި ސަގާފީ ކަންކަން ވެސް ގުޅިފައިވަނީ ކަނޑާއެވެ. އެމީހުންގެ ރަސްމިއްޔާތުތަކާއި ކުޅިވަރުތަކުގައި ކަނޑުގެ "ރޫހުތަކަށް" ޚާއްޞަ އިސްކަމެއް ދެވެއެވެ. އެއްޖީލުން އަނެއްޖީލަށް މި ތަރިކަ ފޯރުކޮށްދެނީ ލަވަތަކާއި، ނެށުންތަކާއި، އަދި ދޫދޫމަތިން ކިޔައިދެވޭ ވާހަކަތަކުގެ އެހީގައެވެ.

 

ފީނުމަށް ހަށިގަނޑަށް އައިސްފައިވާ ބަދަލުތައް:

ސައިންސްވެރިން ހޯދާފައިވާ ގޮތުގައި، ބާޖާއު މީހުންނަކީ ފީނުމަށްޓަކައި ހަށިގަނޑުގެ ޖީންތަކަށާއި ގުނަވަންތަކަށް ބަދަލު އައިސްފައިވާ ފުރަތަމަ އިންސާނީ ނަސްލެވެ.

ބޮޑު ހުންކޮށި (ސްޕްލީން): އެހެން އިންސާނުންނާ އަޅާބަލާއިރު ބާޖާއު މީހުންގެ ހުންކޮށި ގާތްގަނޑަކަށް %50 ބޮޑެވެ. މީގެ ސަބަބުން ގިނަ އަދަދަކަށް އޮކްސިޖަން ހުންނަ ލޭގެ ރަތް ހަތާތައް (ރެޑްބްލަޑް ސެލްސް) ރައްކާކޮށް، ފީނާ ވަގުތު އެ ސެލްތައް ލޭގެ ތެރެއަށް ދޫކޮށްލައެވެ. މިއީ ގިނަ ވަގުތު ނޭވާ ހިފަހައްޓަން އެހީތެރިވާ ކަމެކެވެ.

ޖީންގެ ބަދަލުތައް: "ޕީ.ޑީ.އީ 10އޭ" ގެ ނަމުން ނަންދެވިފައިވާ ފަދަ ޖީންތަކަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން، އޮކްސިޖަން މަދުވުމުން ކެތްކުރުމުގެ ބާރު އެމީހުންގެ ހަށިގަނޑުގައި ގަދައެވެ.

ނޭވާ ހިފެހެއްޓުން: އެއްވެސް އާލާތަކާ ނުލައި 13 މިނެޓަށް ވުރެ ގިނަ އިރު އަޑީގައި ތިބުމުގެ ގާބިލުކަން އެމީހުންނަށް ލިބިފައިވެއެވެ. އަދި 60 އާއި 70 މީޓަރާ ދެމެދުގެ ފުންމިނަށް އެމީހުން ފީނައެވެ.

ލޮލުގެ ފެނުން: ބާޖާއު ކުދިން ތަމްރީނު ކުރެވެނީ ކަނޑު އަޑީގައި ސާފުކޮށް ފެންނާނެ ގޮތަށެވެ. އެމީހުންގެ ކަޅި ކުޑަވުމުގެ ބާރު (ކޮންޓްރެކްޓިން ސްޓްރެންތް) ގަދަވުމުން އަޑީގައި ތަކެތި ސާފުކޮށް ފެނެއެވެ. ދިރާސާވެރިން ދެކިލައްވާގޮތުގައި މިއީ އުފެދުމުގައިވެސް އެބައިމީހުންގެ ކިބައި ވާރުތަވަމުން އަށަގަނެފައިވާ ސިފައެކެވެ.

ޒަމާނީ ގޮންޖެހުންތައް:

ބަޖާއޫ މީހުންނަކީ މިހާ އާދަޔާޚިލާފު ބައެއް ނަމަވެސް، ބާޖާއު މީހުންނަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ރައްވެހިކަމެއް ނެތުމުގެ ސަބަބުން ސިއްހީ އަދި ތައުލީމީ ޚިދުމަތްތަކުން މަހުރޫމުވުން ހިމެނެއެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ވަސީލަތްތައް މަދުވުމުގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް ވަނީ ނުރައްކާވެފައެވެ. އަދި އާ ޖީލުގެ ކުދިން އެއްގަމުގައި ދިރިއުޅެން ފެށުމުން، ގަދީމީ ސަގާފަތާއި ހުނަރުތައް އުވިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ބާޖާއު މީހުންގެ ޚާއްޞަކަން:

ބާޖާއު މީހުންނަކީ އިންސާނީ ތަރައްގީ އާއި ބަދަލުވުންތަކުގެ ދިރިހުރި މިސާލެކެވެ. އެމީހުންގެ ހަށިގަނޑަށް އައިސްފައިވާ ޖިސްމާނީ ބަދަލުތަކަކީ ދުނިޔޭގެ އެހެން އެއްވެސް އިންސާނީ ނަސްލަކުން ފެންނަން ނެތް ކަންކަމެވެ. މިއީ އިންސާނުން އުޅޭ މާހައުލަށް ކެތްކުރުމަށްޓަކައި ހަށިގަނޑު ބަދަލުވާ ގޮތް ދައްކައިދޭ ވަރަށް މުހިންމު ފިލާވަޅެކެވެ.

ބާޖާއު މީހުންނަކީ ހަމައެކަނި ކަނޑުމަތީގައި ދިރިއުޅޭ ބައެއް ނޫނެވެ. އެއީ އިންސާނީ ދަރިފަސްކޮޅުގެ ތެރެއިން ގުދުރަތީ ގޮތުންނާއި ސަގާފީ ގޮތުން އާދަޔާޚިލާފު ސިފަތަކެއް ލިބިފައިވާ، ހިތްވަރުގަދަ ބައެކެވެ. އެމީހުންގެ ދިރިއުޅުމުން ދައްކުވައިދެނީ ކޮންމެފަދަ ހާލަތެއްގައިވެސް އިންސާނުންނަށް ކެތްކޮށް، އާދަވެވިދާނެ ކަމެވެ. އަދި ތަނާއި ހާލަތާއި ގުޅޭގޮތަށް އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ ސިފަތައް، ޑީ.އެން.އޭ އާއި އެކު ބަދަލުވެ ހޭނެމުން ދާނެ ކަމެވެ. މިއީ ވިސްނާ ފިކުރުކުރާބަޔަކަށް އޭގައި އެތައް ވާހަކަތަކެއް ކިޔައިދޭ އަޖައިބުކުރަނިވި ނަސްލެއްގެ ބައެކެވެ.

ހަވާލާ: ނެޝަނަލް ޖިއޯގްރަފީ (2022) - "ބަޖާއޫ ޕީޕަލްސް އާ ފަސްޓް ނޯން ހިއުމަން ޖެނެޓިކަލީ އެޑެޕްޓެޑް ޓު ޑައިވިން" - ސާރާ ގިބެންސް