އެކްސިޑެންޓްތަކާއި އެކި ކަހަލަ ބޮޑެތި ހާދިސާތަކުގައި ލިބޭ ނުރައްކާތެރި އަނިޔާތަކަކީ އިންސާނާގެ ފުރާނައަށް ވަގުތުން ނުރައްކާވާ ފަދަ ނާޒުކު ކަންކަމެވެ. ބީ.އެމް.ޖޭ ގްރޫޕުން ދާދި ފަހުން ހާމަކުރި ދިރާސާއަކުން ދައްކާގޮތުގައި، އެއަރ އެމްބިއުލަންސް ޓީމުތަކުން ފޯރުކޮށްދޭ ކުރިއަރާފައިވާ ސިއްހީ ފަރުވާއަކީ މިފަދަ ހާލަތްތަކުގައި މީހުން ސަލާމަތްވުމުގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުކޮށްދޭ ކަމެކެވެ. ހާއްސަކޮށް ހެލިކޮޕްޓަރ އެމްބިއުލަންސް ތަކެވެ.

މި ދިރާސާއިން ހާމަވި އެންމެ މުހިންމު އެއް ކަމަކީ، އެއަރ އެމްބިއުލަންސް މެދުވެރިކޮށް ދެވޭ މަތީ ފެންވަރުގެ ފަރުވާއާއެކު، ބޮޑެތި އަނިޔާތައް ލިބޭ މީހުން ސަލާމަތްވާ މިންވަރު އާންމުކޮށް ލަފާކުރާ މިންގަނޑުތަކަށްވުރެ މަތިވެފައިވާ ކަމެވެ. ސިއްހީ މާހިރުން އާންމުކޮށް ބޭނުންކުރާ މޮޑެލްތަކުން ސަލާމަތްވާނެ ކަމަށް ލަފާކުރި އަދަދަށްވުރެ ގިނަ މީހުން، މި ޚިދުމަތުގެ ސަބަބުން ވަނީ ސަލާމަތްވެފައެވެ. މީގެ ތެރޭގައި ވަރަށް ނުރައްކާތެރި އަނިޔާތައް ލިބި، ސަލާމަތްވުމުގެ އުންމީދު ކުޑަ ކަމަށް ބެލެވުނު މީހުންވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.

ދިރާސާއިން އިތުރަށް ދައްކާގޮތުގައި، އެއަރ އެމްބިއުލަންސްގެ ފަރުވާއިން އެންމެ ބޮޑު ފައިދާއެއް ކުރަނީ ޒުވާން އުމުރުގެ މީހުންނަށެވެ. އަދި ހާދިސާ ހިނގާ ތަނުން ފުރަތަމަ ފަރުވާ ދޭން ފަށާއިރު، އިޖާބަދޭ ނުވަތަ 'ރެސްޕޮންސިވް' ކޮށް ތިބޭ މީހުން ސަލާމަތްވުމުގެ ފުރުސަތު މާ ބޮޑެވެ. މީގެ އިތުރުން، ހިތް ހުއްޓުން ފަދަ އެންމެ ނުރައްކާތެރި ހާލަތްތަކުގައި ވެސް، ދިރާސާ ކުރި މުއްދަތުގެ ތެރޭގައި މީހުން ސަލާމަތްވާ މިންވަރު އެއްވަރެއްގައި ހިފެހެއްޓި، ކުރިއަރަމުން އައިސްފައިވާކަން ވަނީ ފާހަގަވެފައެވެ.

މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މިކަމުގެ މައިގަނޑު އެއް ސަބަބަކީ ދެވޭ އަވަސް ފަރުވާގެ ފެންވަރަށްވުރެ، ބަލިމީހާ އުފުލުމުގައި ހޭދަވާ ވަގުތު ކުޑަވުމެވެ. އަދި ބަލިމީހާ ސީދާ ފަރުވަދެވޭ މަތީފެންވަރުގެ ހޮސްޕިޓަލުތަކަށް ވަގުތުން ގެންދެވޭ ކަމެވެ. އާއްމުކޮށް އެއްގަމު މަގުން ނުވަތަ ކަނޑުމަގުން އުފުލާނަމަ ގެންދެވޭނީ އެއްމެ ކައިރި ހޮސްޕިޓަލަކަށެވެ. ފަހަރުގައި އެއީ މަތީފެންވަރުގެ ގިނަ ހިދުމަތްތަކެއް ލިބެން ނެތް ތަނަކަށް ވެދާނެއެވެ. އެހާލުން އަނެއްކާ އެ ޖެހުނީ އެ ބަލިމީހާ އުފުލައިގެން މަތީފެންވަރުގެ ހިދުމަތް ލިބޭ ތަނަކަށް ގެންދާށެވެ. ކަންމިހެން ވުމުން އަސްލު ފަރުވާ ލިބުމުގައި ލަސްތަކެއް ދިމާވެއެވެ. ނަމަވެސް އެއަރ އެމްބިއުލަންސް ނުވަތަ ހެލިކޮޕްޓަރ އެމްބިއުލަންސްގެ ސަބަބުން މި ވަގުތު ސަލާމަތްކުރެވި މަތީފެންވަރުގެ ސީދާ ފަރުވާގެ ދޮރާށި ކުރިމައްޗަށް ބަލި މީހާ ހާޒިރުކުރެވެއެވެ.

އެއަރ އެމްބިއުލަންސްގެ ޚިދުމަތަކީ ކުއްލި ފަރުވާގެ ދާއިރާއަށް އައި ބޮޑު އިންގިލާބެކެވެ. ހާދިސާ ހިނގާ ތަނަށް މަތީ ފެންވަރުގެ ޓީމުތަކާއި ވަސީލަތްތައް ދިއުމާއި، މަތީ ފެންވަރުގެ ވަސީލަތްތައް ލިބިހުރި ހޮސްޕިޓަލުތަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބަލިމީހާ ގެންދެވޭކަމީ، ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. އިސްލާމީ ތައުލީމުތަކުގައި ބަޔާންކުރާ ފަދައިން، އެއް ފުރާނަ ސަލާމަތްކުރުމަކީ މުޅި އިންސާނިއްޔަތު ސަލާމަތްކުރުން ފަދަ މަތިވެރި ކަމަކަށްވާއިރު، މިފަދަ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތަކީ ނުހަނު އަގުހުރި މަސައްކަތެކެވެ.

 

ހަވާލާ: ސައިންސް ޑެއިލީ 2026