މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް 40 އަހަރު ފުރެން ކައިރިވެފައިވާއިރު، ރާއްޖޭގެ ވިޔަފާރީގެ މައި ދޮރާށި ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށައި، 2027 ވަނަ އަހަރުގެ ނޮވެމްބަރު 11 ގައި އާ ބަނދަރު ހުޅުވުމަށް އަމާޒު ހިފައިފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ތިލަފުށީ ޕޯޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހި ކަމަށްވާ "ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓް" ގެ އެއްބަސްވުމުގައި އެމްޕީއެލް އާއި ޗައިނާ ހާބާ އިންޖިނިއަރިންއާ ދެމެދު ވަނީ ސޮއިކޮށްފައެވެ.
5 ހެކްޓަރުން 20 ހެކްޓަރަށް: މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ، ރާއްޖޭގެ ހުރިހާ މުދަލެއް ބާލާ މައި ބަނދަރުގެ ބޮޑުމިނަކީ މިހާރު އެންމެ 5 ހެކްޓަރު ކަމަށެވެ. ނަމަވެސް، މި މަޝްރޫއުގެ ދަށުން ތިލަފުށީގައި 20 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ތަރައްގީ ކުރެވިގެންދާނެ ކަމަށާއި، މިއީ ރައްޔިތުން ޒަމާނުއްސުރެ އުންމީދުކުރަމުން އައި، އަދި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކޮންމެހެން ބޭނުންވެފައިވާ ބަދަލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
As announced in today’s Presidential Address by His Excellency President Dr. Mohamed Muizzu, Maldives Ports Limited has officially signed an agreement with China Harbour Engineering Company for the commencement of Phase 1 of the Thilafushi Port Development Project – Local Harbour… pic.twitter.com/w7Typuf96s
— Maldives Ports Limited (@Portmv) February 5, 2026
ގައުމީ ޒިންމާއެއް: ރިޝްވާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫއު އިއުލާން ކުރެއްވުމާއެކު، އެމްޕީއެލްގެ މުޅި ލީޑާޝިޕާއި މުވައްޒަފުންގެ ކޮނޑުގައި އެޅިގެންދިޔައީ ޤައުމީ ބޮޑު ޒިންމާއެއް ކަމަށެވެ.
"އަޅުގަނޑުމެން އެމްޕީއެލްގެ ފުލް ލީޑާޝިޕުގެ ބޮލުގައި، ކޮންމެ މުވައްޒަފެއްގެ ކޮނޑުގައި ވަރަށް ބޮޑު ޒިންމާއެއް މި އެޅުވުނީ. އެއީ މި ދިވެހިރާއްޖޭގެ ރައްޔިތުންގެ ހައްގުގައި، ރާއްޖޭގެ ހުރިހާ ސިނާއަތެއްގެ ހައްގުގައި،" ރިޝްވާން ވިދާޅުވިއެވެ.
ރައީސްގެ ވައުދުފުޅު: ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައިވަނީ 2027 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އާ ބަނދަރު ހުޅުވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި އާ ބަނދަރާއެކު މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމަށް ދާއިމީ ހައްލެއް ލިބި، މުދާ ކްލިއާ ކުރުމުގެ ސްޕީޑް އަވަސްވެ، ދުނިޔޭގެ ބޮޑެތި ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ ޒަމާނީ ވަސީލަތްތައް ޤާއިމުވެގެންދާނެއެވެ.
