ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް އައި އެންމެ ބޮޑު އެއް އިންގިލާބަކީ 2012 ވަނަ އަހަރު ތައާރަފުކުރެވުނު "އާސަންދަ" ނިޒާމެވެ. މިއީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ހިލޭ ސިއްހީ ފަރުވާ ކަށަވަރުކޮށްދިން، އިޖުތިމާއީ ރައްކާތެރިކަމުގެ ވަރުގަދަ ބިންގަލެކެވެ. މި ނިޒާމުގެ ސަބަބުން ބަލިމަޑުކަމުގެ ވަގުތުގައި އަތުން ކުރަންޖެހޭ ހޭދަ ނެތިގެންގޮސް، ފަރުވާއަށް ސަލާންޖެހުމުގެ ސަގާފަތަށް ބޮޑު ބަދަލެއް އައެވެ
ނަމަވެސް، މި ކާމިޔާބީއާއެކު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ، ހަމައެކަނި ފަރުވާއަށް ބަރޯސާވެފައިވާ މި ނިޒާމުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަތަކަށް އައިސްފައިވާ ނޭދެވޭ ބަދަލުތަކެވެ. ބަލިވުމުން ހިލޭ ފަރުވާ ލިބޭނެކަމުގެ ޔަގީންކަން އޮތުމަކީ، ބަލިން ރައްކާތެރިވުމަށް އޮތް ނުސީދާ ހުރަހަކަށް މިއަދު މިވަނީ ވެފައެވެ.
އާސަންދަ ނިޒާމަކީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބަލަހައްޓަމުންދާ، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ބޭސްފަރުވާއާއި، އޮޕަރޭޝަންތަކާއި، އަދި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާތައްވެސް ހިލޭ ލިބެއެވެ. މި ފަހަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ނިޒާމު ހަރުދަނާކުރުމަށް މުހިންމު އިސްލާހުތަކެއް ގެންނަވާފައެވެ. އެގޮތުން، އާސަންދައިގެ ދަށުން ދޫކުރާ ބޭސްތަކަކީ ރަޖިސްޓްރީކުރެވިފައިވާ ފެންވަރު ރަނގަޅު ބޭސްތަކަކަށް ހެދުމާއި، ފަރުވާ ދިނުމުގެ މިންގަނޑުތައް އެއްހަމަކުރުން ހިމެނެއެވެ. މިއީ ނިޒާމީ ގޮތުން ގެނެވުނު ކުރިއެރުމެއް ނަމަވެސް، މުޖުތަމައުގެ ވިސްނުން ހުރީ ބަލިވުމުން ބޭސްކުރުމުގެ މައްޗަށް އެކަންޏެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ހާމަކުރާ ގޮތުގައި، ހިތުގެ ބަލިތަކާއި، ސްޓްރޯކް އަދި ޓައިޕް 2 ހަކުރުބަލީގެ 80 އިންސައްތައަކީ ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ބަދަލުތަކުން މަންފާކުރާ، ބަލިވުމުގެ ކުރިން ހުއްޓުވިދާނެ ބަލިތަކެވެ. ނަމަވެސް، މިއަދުގެ މުޖުތަމައުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ބަލިވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވުރެ، ގިނަ މީހުންނަށް އިސްކަންދެވެނީ ބަލިވުމުން ސަރުކާރުން ފޯރުކޮށްދޭ "ހިލޭ" ފަރުވާއަށް ބަރޯސާވުމަށެވެ. މިއީ މުޖުތަމައުގައި އަށަގަނެފައިވާ ނުރައްކާތެރި އާދައެކެވެ.
ރާއްޖޭގެ ހާލަތަށް ބަލާއިރު، ގައިންގަޔަށް ނުއަރާ ބަލިތައް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. "މޯލްޑިވްސް ޑެމޮގްރަފިކް އެންޑް ހެލްތު ސާވޭ" އިން ދައްކާގޮތުގައި ދިވެހިރާއްޖޭގެ އާބާދީގެ ބޮޑެތި މީހުންގެ ތިންބައިކުޅަ އެއްބަޔަކީ ބަރުދަން އިތުރު ނުވަތަ މާބޮޑަށް ފަލަ މީހުންނެވެ. މި ބަލިތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަން، މިސާލަކަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، ގަވާއިދުން ކަސްރަތު ކުރުމަކީ އަމިއްލަ ޖީބުން ހަރަދާއި ވަގުތު ހޭދަކުރަންޖެހޭ ކަންކަމެވެ. ގިނަ ފަހަރަށް މީހުންނަށް ދެކެވެނީ މިއީ "ބޭކާރު" ހަރަދެއްގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން، ދުޅަހެޔޮ ދިރިއުޅުމަކަށް އިންވެސްޓް ކުރުމުގެ ބަދަލުގައި، ސިއްހީ ނިޒާމުގެ ތެރެއިން ލިބޭ ހިލޭ ބޭސްފަރުވާއަށް މަޑުކުރުމުގެ ސަގާފަތެއް ވަނީ އުފެދިފައެވެ.
މި އާދައިގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ، ބަލިވުމަށްފަހު ލިބޭ ފަރުވާއަކީ ހަގީގަތުގައި "ހިލޭ" ލިބޭ އެއްޗަކަށް ނުވުމެވެ. ސަރުކާރުގެ އާސަންދަ ނިޒާމުން ބޭސްފަރުވާގެ ހަރަދު ބެލެހެއްޓި ނަމަވެސް، ބަލިމީހާއަށް ލިބޭ ޖިސްމާނީ ތަދާއި، ނަފްސާނީ ހާސްކަމާއި، އަދި ދިރިއުޅުމުގެ ފެންވަރު ދަށްވުމަކީ އެއްވެސް އަގަކުން އަޅާކިޔޭނެ ކަންކަމެއް ނޫނެވެ. ދިގުމުއްދަތަކަށް ބޭސް ބޭނުންކުރަން ޖެހުމާއި، ވަޒީފާއަށް ނުދެވި އާމްދަނީއަށް ހުރަސް އެޅުމަކީ އާއިލާއަށާއި މުޅި ގައުމުގެ އިގްތިސާދަށް އޮތް ބޮޑު ބުރައެކެވެ. ހަމައެކަނި ފަރުވާއަށް ބަރޯސާވުމަކީ ބަލީގެ އަސްލު ސަބަބު ނައްތާލެވޭނެ ކަމެއް ނޫނެވެ.
އެހެންކަމުން، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި ވިސްނުން ބަދަލުކުރަން ޖެހެއެވެ. ބަލިވުމުން ކުރާ "ހިލޭ" ފަރުވާއަށްވުރެ، ބަލިވުމުގެ ކުރިން ރައްކާތެރިވުމަށް ކުރާ ހޭދައަކީ މާ މުހިންމު އަދި ފައިދާހުރި އިންވެސްޓްމަންޓެކެވެ. ތާޒާ މޭވާއާއި ތަރުކާރީއަށް ކުރާ ހޭދައާއި، ޖިމް ނުވަތަ ކަސްރަތަށް ހޭދަކުރާ ވަގުތަކީ މުސްތަގުބަލުގައި ކުރިމަތިވެދާނެ ބޮޑެތި ބަލިތަކުން ސަލާމަތްވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައެވެ. "ރައްކާވެ ތިބިއްޔާ ދަތުރޭ" ބުނާ ބަހުގެ ހަގީގީ މާނަ ހިފަހައްޓައި، އަމިއްލަ ސިއްހަތަށް އިސްކަންދިނުމަކީ ކޮންމެ ފަރުދެއްގެ ފަރުދީ ޒިންމާއެކެވެ.
އާސަންދަ ނިޒާމަކީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ފަރުވާގެ ކަށަވަރުކަން ހޯދައިދިނުމަށްޓަކައި ދައުލަތުން ގާއިމުކޮށްފައިވާ ވަރަށް މުހިންމު އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެކެވެ. ނަމަވެސް، މި ނިޒާމުގެ މާލީ ދެމެހެއްޓެނިވިކަމަކީ މިއަދު ދައުލަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ދައުލަތުގެ އަހަރީ ބަޖެޓުގެ ބޮޑު ބައެއް މި ނިޒާމަށް ހޭދަވާއިރު، މީގެ ތެރެއިން ބޮޑު އިންސައްތައެއް ހޭދަވަނީ ބަލިވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ހުއްޓުވިދާނެ ބަލިތަކަށެވެ. މެޑިކަލް އިކޮނޮމިކްސްގެ ދިރާސާތަކުން ދައްކާގޮތުގައި، ބަލިން ރައްކާތެރިވުމަށް ހޭދަކުރާ ކޮންމެ 1 ޑޮލަރަކުން، ބަލިވުމަށްފަހު ކުރަންޖެހޭ ފަރުވާގެ ހަރަދުން 3 ޑޮލަރު ސަލާމަތްކުރެވެއެވެ. އެހެންކަމުން، އާސަންދައިގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި، ބަލިވުމަށްފަހު ބޮޑެތި ހަރަދުތައް ކުރުމުގެ ބަދަލުގައި، ބަލިތަކުން ރައްކާތެރިވުމަށް ކުރާ ހޭދަ އިތުރުކުރުމަކީ އިގްތިސާދީ ގޮތުންނާއި ސިއްހީ ގޮތުން ބަލާއިރުވެސް އެންމެ ބުއްދިވެރި ގޮތެވެ.
ދިވެހިރާއްޖޭގެ ހާލަތަށް ބަލާއިރު، އާސަންދައިގެ ދަށުން ހެލްތު ޗެކަޕް ހެދުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. ނަމަވެސް، ހިތާމައަކީ ބަލި ނުވަނީސް ނުވަތަ ބަލީގެ ނުރައްކާތެރި އަލާމާތެއް ފެނުމުގެ ކުރިން، ދުރާލައި ސިއްހީ ހާލަތު ދެނެގަތުމަށް މިފަދަ ހިދުމަތްތައް ހޯދާ މީހުންގެ ނިސްބަތް އާބާދީއާ އަޅާބަލާއިރު މަދުކަމެވެ. ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ދުޅަހެޔޮ ދިރިއުޅުމަކަށް އާދަކުރުމާއި، ގަވާއިދުން ހެލްތް ޗެކަޕްތައް ހެދުމަކީ ބަލިޖެހޭ މީހުންގެ އަދަދު މަދުކުރުމަށް އޮތް އެންމެ މުހިންމު މަގެވެ. އާސަންދައިގެ ހަރަދުތައް ކުޑަކުރެވޭނީ ބަލިވުމުން ފަރުވާ ހޯދާ މީހުންގެ އަދަދު މަދުކުރެވިގެންނެވެ. މިއީ ހަމައެކަނި ދައުލަތުގެ ޒިންމާއެއް ނޫނެވެ. މިއީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި ކޮންމެ ފަރުދަކުވެސް އުފުލަންޖެހޭ ޒިންމާއެކެވެ. އިސްލާމްދީން ބާރުއަޅާ ފަދައިން، ސިއްހަތަކީ މާތް ﷲ ދެއްވާފައިވާ އަމާނާތަކަށްވާއިރު، އެ އަމާނާތަށް ރައްކާތެރިވުމީ އާސަންދަ ފަދަ ނިޒާމުތަކުގެ ބުރަ ކުޑަވެ، ގައުމުގެ އިގްތިސާދަށްވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
އާސަންދަ ނިޒާމު އިސްލާހުކުރުމަކީ ސިއްހީ ގޮތުންނާއި މާލީ ގޮތުން މަޖުބޫރު ކަމެކެވެ. ހަމައެކަނި "ބަލިމީހާ" އަށް ފަރުވާ ދިނުމުގެ އިތުރަށް، "ދުޅަހެޔޮ މީހާ" ބަލިން ރައްކާތެރިކުރުމަށް މި ނިޒާމުގެ ތެރެއިން ބާރުއަޅަންޖެހެއެވެ. މިސާލަކަށް، ކަސްރަތު ކުރާނެ މާހައުލުތަކާއި، ދުޅަހެޔޮ ދިރިއުޅުމުގެ ތަމްރީނުތަކާއި ކާނާގެ މައުލޫމާތު ފޯރުކޮށްދޭ ނިޒާމުތައް އާސަންދައިގެ ތެރެއިން ހިލޭ ނުވަތަ ލުއި އަގުގައި ލިބޭނެ ގޮތް ހެދުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ގަވާއިދުން ހެލްތު ޗެކަޕް ހަދާ މީހުންނަށް އިނާޔަތްތަކެއް ދިނުމަކީ މީހުންގެ ވިސްނުން "ފަރުވާ" އިން "ރައްކާތެރިކަމަށް" ބަދަލުކުރުމަށް އެޅޭނެ ބޮޑު ފިޔަވަޅެކެވެ.
ޝައްކެތްނެތެވެ، އާސަންދައަކީ ދިވެހިންނަށް ލިބިފައިވާ ވަރަށް ބޮޑު ނިއުމަތެކެވެ. ނަމަވެސް، މި ނިޒާމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ، ބަލިވުމުން ކުރާ ބޭސްފަރުވާގެ އިތުރުން ބަލި ނުވުމަށް ކުރާ މަސައްކަތްތަކަށްވެސް މި ނިޒާމުގެ ތެރެއިން ޖާގަދީގެންނެވެ. ސިއްހީ ހޭދައަކީ ހަމައެކަނި ބަލިވުމުން ކުރާ ހަރަދަކަށް ވެގެން ނުވާނެއެވެ. ދުޅަހެޔޮ މުޖުތަމައެއް ބިނާކުރެވޭނީ، "ރައްކާތެރިކަމަކީ ފަރުވާއަށްވުރެ މާ މުހިންމު ކަމެއް" ކަމުގައި ދެކިގެން އާސަންދަ ނިޒާމު އަލުން ތަރުތީބުކޮށްގެންނެވެ. އެހެން ނޫންނަމަ އާސަންދައިގެ ސަބަބުން އަހަރެމެންގެ ސިއްހަތަށް ކުރަމުން މި ދަނީ ނުސީދާ ގެއްލުން ތަކެކެވެ. އާދޭހެވެ! އާސަންދަ ވެގެން މިދަނީ ދިވެހިންގެ ސިއްހަތަށް ހުރި ނުސީދާ ނުރައްކަލަކަށެވެ.
ހަވާލާ:
. މޯލްޑިވްސް ފައިނޭންޝަލް ރިވިއު، 2024
. މޯލްޑިވްސް ޖަރނަލް، 2025
. ޑަބްލިޔު.އެޗް.އޯ، 2023
. މިނިސްޓްރީ އޮފް ހެލްތު، 2022
. ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، 2021
. ކޯޕަރޭޓް މޯލްޑިވްސް، 2024
