މިދިޔަ އަހަރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ސާފު ފައިދާގެ ގޮތުގައި 375 މިލިއަން ރުފިޔާ ލިބި، މާލީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.
އެ ބޭންކުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިއީ އޭގެ ކުރީ އަހަރު (2024) އާ އަޅާބަލާއިރު 35 އިންސައްތައިގެ އިތުރުވުމެކެވެ.
މާލީ ހިސާބުތަކުގެ ޚުލާސާއެއް:
ސާފު ފައިދާ: މިދިޔަ އަހަރު 375 މިލިއަން ރުފިޔާ ލިބުނުއިރު، 2024 ވަނަ އަހަރު ލިބިފައިވަނީ 278 މިލިއަން ރުފިޔާއެވެ. މިއީ 97 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އާމްދަނީ: މިދިޔަ އަހަރު ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 895 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 709 މިލިއަން ރުފިޔާއާ އަޅާބަލާއިރު 186 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
ޚަރަދު: ބޭންކުގެ ހަރަދުތަކަށް މިދިޔަ އަހަރު 394 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
މީގެ 15 އަހަރު ކުރިން ޚިދުމަތް ދޭން ފެށި އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ ބޭންކުން އަންނަނީ ޚިދުމަތްތައް ފުޅާކޮށް، އަހަރަކަށްވުރެ އަހަރެއް މާލީ ފައިދާ އިތުރުކުރަމުންނެވެ.
