ނިދަން އުނދަގޫވާތީ ގިނަ ބަޔަކު މިހާރު އާދައެއްގެ ގޮތުން "ވައިޓް ނޮއިސް" ނުވަތަ "ޕިންކު ނޮއިސް" އަޑުއަހައެވެ. ފޯނުން ވާރޭ ވެހޭ އަޑު ނުވަތަ ފަންކާ އެނބުރޭ އަޑު ފަދަ އަޑުތައް ޖަހައިގެން ނިދުމަކީ ވަރަށް ގިނަ ޒުވާނުން ކުރާ ކަމެކެވެ. ނަމަވެސް އެމެރިކާގެ ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ ސައިންސްވެރިން ހެދި އާ ދިރާސާއަކުން ދައްކާ ގޮތުގައި މިއީ ދިގު މުއްދަތަކަށް ބަލާއިރު ސިއްހަތަށް ނުރައްކާތެރި ކަމެކެވެ.

މި ދިރާސާގައި ބުނާގޮތުން ނިދަން އޮންނައިރު މެދުކެނޑުމެއްނެތި ކަންފަތަށް އަޑު އިއްވުމުން، ނިދި އަންނަން ފަސޭހަ ވިޔަސް، ނިދީގެ ކޮލިޓީ ވަރަށް ބޮޑަށް ދަށްވެގެންދެއެވެ. ސަބަބަކީ އިންސާނާ ނިދާފައި އޮންނައިރުވެސް ކަންފަތް ހުންނަނީ ހުޅުވިފައެވެ. އަދި އިވޭ އަޑުތައް ސިކުނޑިން ދެނެގަތުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެއެވެ. މީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ "ޑީޕް ސްލީޕް" ނުވަތަ ފުން ނިދި ލިބުމަށް ހުރަސްއެޅެއެވެ.

މި ދިރާސާގައި އިސްކޮށް މަސައްކަތްކުރި ޕްރޮފެސަރު މަތިއަސް ބަސްނާ ބުނި ގޮތުގައި، ނިދާ ގަޑީގައި ސިކުނޑި މަސައްކަތްކުރަން ޖެހުމުން، ހަށިގަނޑު މަރާމާތުވުމަށް ހުރަސްއެޅެއެވެ.

"ނިދާފައި އޮންނައިރުވެސް ސިކުނޑިން ދަނީ އިވޭ އަޑުތަކަކީ ނުރައްކާތެރި އަޑުތަކެއްތޯ ބެލުމަށް ތަހުލީލު ކުރަމުން. މިއީ ސިކުނޑިއަށް ބުރަ ބޮޑުވާ ކަމެއް. އޭގެ ނަތީޖާއަކީ ހެނދުނު ހޭލާއިރު ވަރުބަލިވެފައި ހުރުން،" ޕްރޮފެސަރު ބަސްނާ ބުންޏެވެ.

މިކަމަށް އޮތް ހައްލެއްގެ ގޮތުން ސައިންސްވެރިން ލަފާދެނީ، ނިދަން އުނދަގޫވާނަމަ "ޓައިމަރު" ޖެއްސުމަށްފަހު އަޑުތައް ބޭނުންކުރުމަށެވެ. މުޅި ރޭގަނޑު އެއްކޮށް "ޕިންކު ނޮއިސް" ޖަހައިގެން ނިދުމުގެ ބަދަލުގައި، ނިދޭނެކަމަށް ލަފާކުރެވޭ ވަގުތަކަށް ސެޓްކުރުމުން، ފުން ނިދީގައި އޮންނައިރު ސިކުނޑިއަށް އަރާމު ލިބޭނެއެވެ. އެންމެ ރަނގަޅު ގޮތަކީ ކޮޓަރިތެރެ އަނދިރިކޮށް، ހަމަހިމޭން މާހައުލެއްގައި ނިދުމެވެ.