ޒަމާނީ ޓެކްނޮލޮޖީއާއެކު ލޯބިވެރިން ހޯދުމަށް މަޝްހޫރުވި "ޓިންޑާ" އަދި "ބަމްބްލް" ފަދަ ޑޭޓިން އެޕްތަކަށް ޒުވާނުން ފޫހިވެއްޖެއެވެ. ފޯނުން ފޮޓޯ ބަލައިގެން، އިނގިލި ކާއްތައިގެން ބައިވެރިޔަކު ހޯދުމުގެ ބަދަލުގައި، މިހާރުގެ ޒުވާނުން ބޭނުންވަނީ ހަގީގީ ދިރިއުޅުމުގައި މީހުންނާ ބައްދަލުކޮށް ގުޅުން އުފެއްދުމަށެވެ. މިކަމަށްޓަކައި "އޮފް ދަ އެޕްސް" ގެ ނަމުގައި އާ ހަރަކާތެއް ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި މިހާރު ވަނީ ފަށާފައެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ނިއު ޔޯކް ޓައިމްސް" އިން ދާދި ފަހުން ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން، ޒުވާނުންގެ މެދުގައި "ޑޭޓިން އެޕް ބާންއައުޓް" ނުވަތަ އެޕްތައް ބޭނުންކޮށްކޮށް ވަރުބަލިވުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. ސާވޭތަކުން ދައްކާ ގޮތުގައި ކޮލެޖު ކުދިންގެ ތެރެއިން 79 ޕަސަންޓު ކުދިން ތިބީ ޑޭޓިން އެޕްތައް މަތިން ފޫހިވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޒުވާނުން މިހާރު އިސްކަންދެނީ ދުވުމަށް ދާ ގްރޫޕްތަކާއި، ފޮތް ކިޔާ ކްލަބްތައް އަދި ސޯޝަލް އިވެންޓްތަކަށް ގޮސް، ގުދުރަތީ ގޮތެއްގައި މީހުންނާ ދިމާވުމަށެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރިލޭޝަންޝިޕް އެކްސްޕާޓެއް ކަމަށްވާ ޑރ. ޖެސިކާ ކާބައިނޯ ވިދާޅުވީ، އެޕްތަކުން ލިބެނީ ވަގުތީ ހިތްހަމަޖެހުމެއް ކަމަށާއި އެއީ ކޮމްޕިއުޓަރު ގޭމެއް ކުޅުން ފަދަ ކަމެއް ކަމަށެވެ.

"އިންސާނުން އުފެދިފައިވަނީ ސްކްރީނަކަށް ބަލައިގެން ގުޅުން ބަދަހިކުރާކަށް ނޫން. މޫނު ފެނިގެން، އަޑު އިވިގެން އަދި ހަށިގަނޑުގެ ހަރަކާތްތައް ފެނިގެން އުފެދޭ ގުޅުން މާ ވަރުގަދަވާނެ. ޒުވާނުން މިހާރު އަލުން މި ހޯދަނީ އެ އިންސާނީ ގުޅުން،" ޑރ. ޖެސިކާ ބުންޏެވެ.

މި ބަދަލާއެކު، ޓިންޑާ ފަދަ ކުންފުނިތަކުގެ ހިއްސާގެ އަގުވެސް ދަނީ ދަށަށެވެ. މިއީ ޓެކްނޮލޮޖީއަށް މާ ބޮޑަށް ބަރޯސާވުން ދޫކޮށް، އާންމު ދިރިއުޅުމުގެ ސާދާ އާދަތަކަށް ޒުވާނުން އެނބުރި ދާން ފަށާފައިވާކަމުގެ ވަރުގަދަ ހެއްކެކެވެ.