ކުދިންގެ އުޅުން ގޯސްވެ، ރުޅިގަދަވެ ނުވަތަ ބޮޑާހާކާ ކުދިންނަށް ވަނީ ފޯނު ނުވަތަ ޓެބްލެޓް ބޭނުންކުރާތީ ކަމަށް ގިނަ މައިންބަފައިން ގަބޫލުކުރެއެވެ. ނަމަވެސް ނޯވޭގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ސައިންސްވެރިން ހެދި ދިގު މުއްދަތުގެ ދިރާސާއަކުން މިކަން ވަނީ ދޮގުކޮށްފައެވެ. މި ދިރާސާއިން ދައްކާ ގޮތުގައި ސްކްރީން ޓައިމް ނުވަތަ ފޯނަށް ބަލާ ވަގުތާއި ކުދިންގެ މިޒާޖު ގޯސްވުމާ ސީދާ ގުޅުމެއް ނެތެވެ.

މި ދިރާސާގައި 6 އަހަރުން ފެށިގެން 14 އަހަރާ ދެމެދުގެ 800 އަށްވުރެ ގިނަ ކުދިންގެ މައުލޫމާތު އެތައް އަހަރެއް ވަންދެން އެއްކުރިއެވެ. ނަތީޖާ ދެއްކި ގޮތުގައި ގިނައިރު ގޭމް ކުޅޭ ކުދިންނާއި ފޯނު ބަލާ ކުދިންގެ ފަރާތުން، އެހެން ކުދިންނާ ތަފާތު އިޖުތިމާއީ މައްސަލަތަކެއް ނުވަތަ ނަފްސާނީ އުނދަގޫތަކެއް ފާހަގައެއް ނުކުރެވުނެވެ.

މި ދިރާސާގައި އިސްކޮށް މަސައްކަތްކުރި ޕްރޮފެސަރު ސިލްޖެ ސްޓެއިންސްބެކް ހާމަކުރި ގޮތުގައި، ކުދިން ގޯސްވަނީ ފޯނުގެ ސަބަބަކުން ނޫނެވެ.

"އަހަރެމެންގެ ހޯދުންތަކުން އެނގުނީ ސްކްރީން ބެލުމާއި ކުދިންގެ އުޅުން ގޯސްވުމާ ސީދާ ގުޅުމެއް ނެތްކަން. މައްސަލައަކީ ފޯނެއް ނޫން. މައްސަލައަކީ ފޯނު ބަލަން ހޭދަކުރާ ވަގުތުގެ ސަބަބުން ކުއްޖާއަށް ގެއްލިގެންދާ އެހެން ފުރުސަތުތައް،" ޕްރޮފެސަރު ބުންޏެވެ.

މާހިރުން ބުނާ ގޮތުގައި ހަގީގީ މައްސަލައަކީ "ޑިސްޕްލޭސްމަންޓް" އެވެ. އެއީ ފޯނާ ހެދި ކުދިންނަށް ނިދަން ލިބޭ ވަގުތު ކުޑަވުމާއި، ބޭރުގައި ކުޅެން ލިބޭ ވަގުތު ގެއްލުމެވެ. އަދި މައިންބަފައިން ފޯނަށް ގެއްލިފައި ތިބުމުގެ ސަބަބުން ކުދިންނާ ވާހަކަދައްކާ މިންވަރު މަދުވުމަކީ، ކުއްޖާގެ އުޅުން ގޯސްވުމަށް މެދުވެރިވާ މާ ބޮޑު ސަބަބެކެވެ. އެހެންކަމުން މުޅިން ފޯނު މަނާކުރުމުގެ ބަދަލުގައި، ކުދިން ބަލާ އެއްޗެހި މޮނިޓަރކޮށް، އެކުދިންނާއެކު ވަގުތު ހޭދަކުރުން މުހިންމުކަމަށް ސައިންސްވެރިން ލަފާދެއެވެ.