އޮފީސްތަކާއި ކެފޭތަކުގައި އަދި ގޭގައިވެސް ފަސޭހައަކަށް ކަރުދާސް ތަށި ނުވަތަ ޕްލާސްޓިކް ތަށީގައި ހޫނު ސައި ނުވަތަ ކޮފީ ބުއިމަކީ ވަރަށް އާންމު އާދައެކެވެ. ނަމަވެސް މިއީ ސިއްހަތަށް ނުރައްކާތެރި، ޚާއްސަކޮށް ކެންސަރު ބައްޔަށް މަގުފަހިވާ ނުރައްކާތެރި ކަމެއްކަމަށް އިންޑިއާގެ އައިއައިޓީ ޚަރަގްޕޫރުގެ ސައިންސްވެރިން ހެދި ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާގައި ބުނާގޮތުން ގިނަ މީހުން ހީކުރަނީ ކަރުދާސް ތަށްޓަކީ ރައްކާތެރި އެއްޗެއް ކަމަށެވެ. ނަމަވެސް މިފަދަ ތަށިތަކުގައި ފެން ނުފާއްދާ ގޮތް ހެދުމަށްޓަކައި އެތެރޭގައި "ހައިޑްރޯފޯބިކް ފިލްމް" އެއް ނުވަތަ ތުނި ޕްލާސްޓިކް ފަށަލައެއް ލާފައި ހުރެއެވެ. މި ތަށްޓަށް ހޫނު ސައި ނުވަތަ ކޮފީ އެޅުމުން، ގިނަވެގެން 15 މިނެޓު ތެރޭގައި އެ ފަށަލަ ވިރި، 25،000 އަށްވުރެ ގިނަ "މައިކްރޯޕްލާސްޓިކް" ކުނޑި ބުއިމުގެ ތެރެއަށް ދެއެވެ.
މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ސުދާ ގޯލް ވިދާޅުވި ގޮތުގައި، މިއީ މަޑުމަޑުން މީހާގެ ހަށިގަނޑަށް ވިހަލުން ފަދަ ކަމެކެވެ.
"ކަރުދާސް ތަށިން ދުވާލަކު ތިން ފަހަރު ސައި ބޯ މީހެއްގެ ހަށިގަނޑަށް، ލޮލަށް ނުފެންނަ ވަރުގެ ކުދި ޕްލާސްޓިކް އެތިކޮޅުތައް އެތެރެވޭ. މީގެ އިތުރުން ކްރޯމިއަމް އަދި ކެޑްމިއަމް ފަދަ ނުރައްކާތެރި މައުދަންތައް ހަށިގަނޑަށް ވަދެ، ކެންސަރާއި ހޯމޯން މައްސަލަތަކަށް މަގުފަހިވޭ،" ޑރ. ސުދާ ވިދާޅުވިއެވެ.
މީގެ އިތުރުން ފެންވަރު ދަށް މުށި ތަށި (ސެރަމިކް ކަޕް) ގައި ހުންނަ އޮމާންކަން ގެންނަ ކުލަ ނުވަތަ "ގްލޭޒް" އަކީވެސް ހޫނުވުމުން ލެޑް ބޭރުވާ އެއްޗެކެވެ. ސިއްހީ މާހިރުން ލަފާދެނީ ހޫނު އެއްޗެހި ބުއިމަށް އެންމެ ރައްކާތެރީ ބިއްލޫރި ތަށި ނުވަތަ ފެންވަރު ރަނގަޅު ސްޓީލް ތަށި ކަމަށެވެ. އަދި ޑިސްޕޯޒަބަލް ތަށި ބޭނުންކުރާނަމަ، ހޫނު ގަދަ އެއްޗެހި އެފަދަ ތައްޓަށް އެޅުމުން ދުރުހެލިވުމަށް ޑޮކްޓަރުން އިލްތިމާސްކުރެއެވެ.
