ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު ލަވަކިޔުންތެރިޔާ އަރިޖިތް ސިންގް، ލަވަކިޔުމާ ދުރަށްދާން ނުވަތަ ރިޓަޔާވާން ވިސްނާކަމަށް ދާދި ފަހުން ދެއްކި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ. މި ވާހަކަޔާ ގުޅިގެން ފޭނުން މާޔޫސްވި ނަމަވެސް، ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ޕަންކަޖް ތުރިޕަތީ ވަނީ އަރިޖިތްގެ މި ވިސްނުމަށް ތާއީދުކޮށް، އެއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ބުނެފައެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޕަންކަޖް ބުނީ، މީހުން ފޫހިވުމުގެ ކުރިން ނުވަތަ މަގުބޫލުކަން ކުޑަވުމުގެ ކުރިން ދާއިރާއާ ދުރަށް ދިއުމަކީ ވަރަށް މޮޅު އަދި ހިކުމަތްތެރި ކަމެއް ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި ފަންނާނެއްގެ ހަޔާތުގައި އެންމެ މުހިންމު ކަމަކީ ހުއްޓާލަންވީ ވަގުތު ދެނެގަތުމެވެ.

"އިންޑިއާގެ ކުރީގެ ފިލޯސަފީގައިވެސް އޮންނަނީ ވަކި އުމުރަކަށް ދިޔައީމާ ދުނިޔަވީ ކަންކަމާ ދުރަށް ޖެހި، ހަމަހިމޭން ދިރިއުޅުމެއް އުޅުމަށް. އަރިޖިތް އެ ދައްކަނީ އެ ވާހަކަ. އެއީ ވަރަށް ރަނގަޅު ވިސްނުމެއް. މީހުން ބަލަން ބޭނުންވެފައި ތިއްބާ ދިއުމަކީ އެންމެ ރީތި ގޮތް،" ޕަންކަޖް ބުންޏެވެ.

އަރިޖިތް މީގެ ކުރިން ބުނެފައިވަނީ، އޭނާ ބޭނުންވަނީ ފޭނުން އޭނާގެ އަޑު އަހާ ފޫހިވުމުގެ ކުރިން ލަވަކިޔުން ހުއްޓާލުމަށެވެ. މިއީ އަމިއްލަ ދިރިއުޅުމަށް ވަގުތު ހުސްކޮށް، މިއުޒިކް އިންޑަސްޓްރީގެ ވާދަވެރިކަމުން ދުރަށް ދިއުމަށް އޭނާ ގެންގުޅޭ ވިސްނުމެކެވެ.

އަރިޖިތް ސިންގްއަކީ މިވަގުތު އިންޑިއާގައި އެންމެ އަގުބޮޑު އަދި އެންމެ ޑިމާންޑް އޮތް ލަވަކިޔުންތެރިޔާއެވެ. އެހެންކަމުން އޭނާ މި ދާއިރާ ދޫކޮށްލުމަކީ ފިލްމު އިންޑަސްޓްރީއަށް ލިބޭނެ ވަރަށް ބޮޑު ފަޅުކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޕަންކަޖްގެ ވާހަކަތަކުން ދޭހަވަނީ، ކާމިޔާބީގެ އެންމެ އުހުގައި ހުރެ ނިންމާލުމަކީ ކެރޭ މީހުންނަށް ނޫނީ ނުކުރެވޭނެ ކަމެއް ކަމެވެ.