ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް އޭނާގެ ފިލްމުތަކަށް ތައްޔާރުވުމަށް ކުރާ ބުރަ މަސައްކަތަކީ އެންމެންވެސް ދަންނަ ކަމެކެވެ. ނަމަވެސް ދާދި ފަހުން ނެޓްފްލިކްސްގައި ރިލީޒްކުރި އޭނާގެ ފިލްމު "ދުރަންދަރު" ގެ ސެޓުގައި، ރަންވީރު އެއްފަހަރާ 3 ވެނިޓީ ވޭން ގެންގުޅުނު ކަމަށް ބުނެ ދެކެވޭ ވާހަކަތަކެއް ވަނީ ވަރަށް ބޮޑަށް ސަމާލުކަމަށް އައިސްފައެވެ. ސޯޝަލް މީޑިއާގައި މިކަމާ ގުޅިގެން ބޮޑު ބަހުސެއް ފެށިފައިވާއިރު، މިކަމުގެ ހަގީގަތް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިވަނީ ހާމަކޮށްފައެވެ.

މި އަޑުތައް ފެތުރެން ފެށީ "ދުރަންދަރު" ފިލްމު ނިމިގެން އަރާ ކްރެޑިޓްސް ނުވަތަ ނަންތަކުގެ ތެރޭގައި، ރަންވީރު ކުޅުނު ކެރެކްޓަރު "ހަމްޒާ" އާ ގުޅުވައިގެން ތިން ވޭންއެއްގެ ނަން އޮތުމުންނެވެ. އެއީ "ހަމްޒާ ވޭން"، "ހަމްޒާ ސްޓާފް ވޭން" އަދި "ހަމްޒާ ނޯމަލް ވޭން" ގެ ނަމުގައި ލިޔެފައިވާ ތިން ނަމެވެ. މިއާއެކު ގިނަ ބަޔަކު ހީކުރީ ރަންވީރު ސެޓުގައި އުޅުނީ އެއް ވޭން ޖިމެއްގެ ގޮތުގައި، އަނެއް ވޭން ކެއްކުމަށް އަދި ތިންވަނަ ވޭން އަރާމުކުރުމަށް ބޭނުންކުރަމުން ކަމަށެވެ.

ނަމަވެސް މިކަމުގެ ހަގީގަތް ހާމަކުރަމުން ފިލްމުގެ އޮފިޝަލުން އިންޑިއާގެ ނޫސްތަކަށް ބުނެފައިވަނީ މިއީ ކުށްހީއެއް ކަމަށެވެ.

"އެއީ ލަގްޒަރީ ވެނިޓީ ވޭންތަކެއް ނޫން. ފިލްމުގެ ބޮޑު ބައެއް ޝޫޓްކުރީ ތައިލެންޑުގައި. އެހެންވެ އެކޮޅުގައި ދަތުރުފަތުރު ކުރުމަށް ބޭނުންކުރި އާދައިގެ ވޭންތަކަށް ކިޔާފައިވާ ނަންތަކެއް އެއީ. ޝޫޓިން އޮތީ ވަރަށް ދުރު ހިސާބުތަކުގައި ކަމަށްވާތީ، ރަންވީރުގެ އިތުރުން އޭނާގެ ސްޓާފުންނާއި، ކެެެއުން އަދި ލަގެޖު އުފުލަން ވަކި ވެހިކަލްތައް ބޭނުންކުރަން ޖެހުނީ،" ޕްރޮޑަކްޝަން ޓީމުގެ އޮފިޝަލަކު ބުންޏެވެ.

ރަންވީރު ސިންގްއަކީ އާންމުކޮށްވެސް އޭނާގެ ހަށިގަނޑު ވަކި ގޮތަކަށް ބެހެއްޓުމަށް ސެޓަށް "ޕޯޓަބަލް ޖިމް" ނުވަތަ އަމިއްލަ ޝެފުން ގެންދާ ތަރިއެކެވެ. މީގެ ކުރިން ބައެއް ފިލްމުތަކުގައި އޭނާ ދެ ވޭން ބޭނުންކުރި ނަމަވެސް، މި ފަހަރު 3 ވޭން ބޭނުންކުރި ކަމަށް ދެކެވުނު ވާހަކަޔަކީ ހަމައެކަނި "ކްރެޑިޓްސް" ގައި އޮތް ނަންތަކެއް މާނަ އޮޅިގެން ދެކެވުނު ވާހަކައެއްކަން މިހާރު ވަނީ ޔަގީންވެފައެވެ.