ދިވެހި ފުޓްބޯޅައަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ، ކްލަބް އީގަލްސްގެ އެންމެ ފުރަތަމަ މަސްއޫލުވެރިޔާ ހަސަން އަލީ ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. އުމުރުން 78 އަހަރުގެ ހަސަން އަލީ ނިޔާވީ ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ހަސަން އަލީއަކީ ރާއްޖޭގެ ފުޓްބޯޅަ ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރު އާއިލާއެއްގެ ބައްޕައެވެ. އޭނާއަކީ ރާއްޖޭގައި އުފެދުނު އެންމެ ފާހަގަކޮށްލެވޭ ކޯޗުން ކަމަށްވާ އަލީ ސުޒެއިން އާއި މުހައްމަދު ނަޒީހުގެ ބައްޕައެވެ. މީގެ އިތުރުން ކުރީގެ ފުޓްބޯޅަ ތަރިން ކަމަށްވާ އިބުރާހިމް ސިނާޒް (ސިނާ) އަދި އަހުމަދު ރިޔާޒް (ގާނާ) އަކީ ވެސް ހަސަން އަލީގެ ދަރިންނެވެ. މިއީ ރާއްޖޭގެ ފުޓްބޯޅައިގައި ނަން ހިނގި ފަރާތްތަކެކެވެ.

ހަސަން އަލީ ފާހަގަކުރެވެނީ މާފަންނުގައި ކްލަބް އީގަލްސްގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ފެށުމަށް އިސްކޮށް މަސައްކަތްކުރެއްވި ހިދުމަތްތެރިއެއްގެ ގޮތުގައެވެ. އޭނާއަކީ އެ ކްލަބުގެ އެންމެ ފުރަތަމަ މަސްއޫލުވެރިޔާ ވެސް މެއެވެ.

ހަސަން އަލީގެ ހަޔާތުގައި ފެނިގެންދިޔަ އެންމެ ހާއްސަ އެއް މަންޒަރަކީ 2016 ވަނަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފެނުނު މަންޒަރެކެވެ. އެ ފަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގައި، މާޒިޔާގެ ކޯޗަކަށް ހުރީ ސުޒެއިންއެވެ. އަދި ވިކްޓަރީގެ ކޯޗަކަށް ހުރީ ނަޒީހެވެ. އެއްބަނޑު އެއްބަފާ ދެބެން ކޯޗުންގެ ގޮތުގައި ކުރިމަތިލި މި ތާރީހީ މެޗުގެ ޝަރަފްވެރި މެހެމާނަކަށް ހުރީ އެ ދެބެންގެ ބައްޕަ، ހަސަން އަލީއެވެ. އެ މެޗު 2-1 އިން ކާމިޔާބުކުރީ މާޒިޔާއިންނެވެ.

މަރުހޫމްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައެވެ.