ނިއުޒީލެންޑުގެ ގައުމީ ދުވަސް ނުވަތަ "ވައިޓަންގީ ޑޭ" ގެ މުނާސަބަތުގައި އެ ގައުމުގެ އިސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް ވަނީ އެ ގައުމުގެ ގަވަރުނަރު ޖެނެރަލް ޑޭމް ސިންޑީ ކީރޯއަށާއި ޕްރައިމް މިނިސްޓަރު ކްރިސްޓޮފާ ލަކްސޯންއަށް ވަކިވަކިން މެސެޖު ފޮނުއްވާފައެވެ.

ގަވަރުނަރު ޖެނެރަލަށް ފޮނުއްވި މެސެޖުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ނިއުޒީލެންޑުގެ ގައުމިއްޔަތު ބިނާވެފައިވަނީ "ޓްރީޓީ އޮފް ވައިޓަންގީ" ގެ މައިގަނޑު އަސާސްތައް ކަމުގައިވާ އެއްބައިވަންތަކަމާއި، އެކުވެރިކަން އަދި އިހުތިރާމް ކުރުމުގެ މައްޗަށެވެ. އަދި ރާއްޖެއާއި ނިއުޒީލެންޑާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ގުޅިގެން މަސައްկަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ނިއުޒީލެންޑުގެ ޕްރައިމް މިނިސްޓަރު ކްރިސްޓޮފާ ލަކްސޯންއަށް ފޮނުއްވި މެސެޖުގައި، ފާއިތުވި 50 އަހަރުގެ ތެރޭގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ތަރައްގީވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ ގައުމުން ރާއްޖެއަށް މެދުކެނޑުމެއްނެތި ދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން ވަރުގަދަވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ ރަސްމީ "އެކްސް" އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވައިޓަންގީ ޑޭ އަކީ ގައުމީ އެއްބައިވަންތަކަމާއި ކުރިއެރުމާ ގުޅިފައިވާ ވަރަށް މުހިންމު ދުވަހެއް ކަމަށެވެ.

މި މެސެޖުތަކުގައި ރައީސް ވަނީ އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތާއި، އަމާންކަމާއި ތަނަވަސްކަމަށް އެދިވަޑައިގެންފައެވެ.

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހަކީ ނިއުޒީލެންޑުގެ ފައުންޑިން ޑޮކިއުމެންޓް ކަމަށްވާ "ޓްރީޓީ އޮފް ވައިޓަންގީ" ގައި ސޮއިކުރި ދުވަސް ކަމަށްވާތީ، އެ ގައުމުގައި އެ ދުވަސް ފާހަގަކުރަނީ ގައުމީ ދުވަހުގެ ގޮތުގައެވެ.