ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން، ސިވިލް ސަރވިސްގެ ވަޒީފާތަކުގައި އުޅޭ ފަރާތްތަކަށް ގޭގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ސަރުކާރުން ހަމަޖައްސައިދީފިއެވެ.
މިކަން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ދެއްވި ރިޔާސީ ބަޔާނުގައެވެ. ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް، ވަޒީފާ އަދާކުރުން "ވަރކް ފްރޮމް ހޯމް" އަށް ބަދަލުކުރުމުގެ ފުރުސަތު އަންނަ މާޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލިބިގެންދާނެ ކަމަށެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް މުޖުތަމައުގައި ޝާމިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިދިޔަ އަހަރު އެފަދަ 356 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި، ކޮންމެ އަހަރަކު އިތުރު 500 ފަރާތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ތައުލީމީ ދާއިރާއިންވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުދިންގެ ހާލަތަށް ބަލައި، "ހޯމް ސްކޫލިންގ" ގެ ފުރުސަތު ފަހިކޮށްދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މިއަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ސްކޫލްތަކުގައި އެފަދަ ކުދިންނަށް ބޭނުންވާ ޚާއްސަ ވަސީލަތްތައް ނެތް ސްކޫލްތަކުގައި މިއަހަރު އެ ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށާއި، އޯލެވެލްއަށް ތައްޔާރުވުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ރާއްވަވާނެ ކަމަށްވެސް ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
"ދިވެހި ކޮންމެ ކުއްޖެއް އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ. އެ ކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަކުން އެ ކުއްޖާގެ ހައްގުތަކުން އެ ކުއްޖާ މަހުރޫމްވެގެން ނުވާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
