ރާއްޖޭގެ އާބާދީ ބޮޑު 9 ރަށެއްގައި މިއަހަރުގެ ތެރޭގައި "ޔޫތު ހަބު" ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާނުން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް އިންތިޒާމު ކުރުމަށް ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ޔޫތު ހަބު ޤާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ހަވާލުކުރެވިފައި ކަމަށެވެ. މީގެ އިތުރުން، އަތޮޅުތަކުގެ އިތުރު 9 ރަށެއްގައި މި ހަބުތައް ޤާއިމުކުރުމަށް ބިން ހަމަޖައްސައި، މިއަހަރު ތެރޭގައި އަމަލީ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޔޫތު ހަބު ޤާއިމުކުރަން ނިންމާފައިވާ ރަށްތައް:

ހއ. ދިއްދޫ
ރ. އުނގޫފާރު
ބ. އޭދަފުށި
ޅ. ނައިފަރު
އދ. މަހިބަދޫ
ފ. ނިލަންދޫ
ދ. ކުޑަހުވަދޫ
ލ. ފޮނަދޫ
ގއ. ވިލިނގިލި


ސަރުކާރުން ހާމަކުރި ގޮތުގައި މި ހަބުތައް ފަރުމާކުރެވިގެންދާނީ ޒުވާނުންނަށް އެއް ފުރާޅެއްގެ ދަށުން ގިނަ ޚިދުމަތްތަކެއް ލިބޭނެ ގޮތަށެވެ. އޭގެ ތެރޭގައި ހުނަރުވެރި ޕްރޮގްރާމްތައް ހިންގުމާއި، ކަސްރަތާއި މުނިފޫހިފިލުވުމުގެ އިންތިޒާމުތަކުގެ އިތުރުން، ޒުވާނުންނަށް ދިމާވާ ނަފްސާނީ އަދި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް "ޔޫތު ކައުންސެލިންގ" އަދި "ވެލްބީންގ" ޚިދުމަތްތައް ހިމެނެއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވަނީ ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން 2025 ވަނަ އަހަރު މާލޭގައި ހުޅުވި ޔޫތު ހަބުގެ ކާމިޔާބީ ފާހަގަކުރައްވައި، އެތަނުގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގި ހަރަކާތްތަކުގައި 680 ޒުވާނުން ބައިވެރިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޒުވާނުންގެ ޚިޔާލު ހޯދުމަށް "ޔޫތު ޕާލިމަންޓް" ފަދަ ހަރަކާތްތައް ހިންގުމާއި، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ޒުވާނުން އަނބުރާ މުޖުތަމައަށް ގެނައުމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒުވާނުންގެ މެދުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާކަންވެސް ރައީސް ވަނީ އިއުލާންކުރައްވާފައެވެ.