އެއް ވިއުގައެއްގެ ތެރެއިން ހުރިހާ ޖަލެއްގައި ތިބި ޤައިދީންގެ މައުލޫމާތު ޑިޖިޓަލްކޮށް ފެންނަން ހުރުމަކީ ކަރެކްޝަންސްގެ މަސައްކަތުގައި އަމަލީ ސިފަ ޖެހެމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެކުލަވާލި ސްޓްރެޓީޖިކް އެކްޝަން ޕްލޭން، "މައި އެމްސީއެސް ޕޯޓަލް" އަދި "ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އެއް ވިއުގައެއްގެ ތެރެއިން ގައިދީންނާއި ބަންދުމީހުންގެ ޕާސަނަލް ފައިލްތަކާއި، މެޑިކަލް ރެކޯޑުތަކާއި އަދި މޫވްމަންޓްތަކުގެ އިތުރުން އެހެނިހެން މައުލޫމާތުތައް ޑިޖިޓަލްކޮށް ފެންނަން ހުރުމަކީ މުވައްސަސާގެ މަސައްކަތްތަކަށް އަމަލީ ސިފަ އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

އަލަށް އިފްތިތާހުކުރި "މައި އެމްސީއެސް ޕޯޓަލް" އާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ހޯދުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމަށެވެ. މި ޕޯޓަލްގެ ޒަރިއްޔާއިން، ޚިދުމަތް ހޯދުމަށް އިދާރާއަށް އަންނަން ނުޖެހި ޚިދުމަތްތަކަށް އެދެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދާދި ފަހުން ހުޅުވުނު އެމްސީއެސްގެ އައު ފްރަންޓް އޮފީހަކީވެސް އެކި ތަންތަނުން ދެމުން އައި ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސްއަށާއި ކަރެކްޝަންސްގެ މުވައްޒަފުންނަށް ތައުރީފު ކުރައްވަމުން ވަޒީރު ވިދާޅުވީ، ޓީމެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ މަގުދައްކާނެ ވެރިންނާއި އެ މަގުގައި ހިނގާނެ ފައުޖެއް އޮވެގެން ކަމަށެވެ. އަދި ކަރެކްޝަންސްގެ މިހާރުގެ ފައުޖަކީ އެމަނިކުފާނު ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބައެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ މިއީ މުވައްސަސާގެ ދިގު ތާރީޚުގައި، ގެންގުޅުނު ތަސައްވުރު ހަގީގަތަކަށް ހެދުމަށް ލިޔެވިގެންދާ ދުވަހެއް ކަމަށާއި، ކަނޑައެޅިފައިވާ އަމާޒުތަކަށް ވާސިލްވުމަށް މަގުތައް ކޮށިގެންދާނެ ދުވަހެއް ކަމަށެވެ.

ކަރެކްޝަންސްގެ ކުރިއަށް އޮތް 3 އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމާ ގުޅިގެން ވަޒީރު ވިދާޅުވީ މިއީ ފުރަތަމަ ފިޔަވަޅު ކަމަށާއި، ދެން އޮތީ އެ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް 100 އިންސައްތަ ތަންފީޒުކުރުން ކަމަށެވެ. އަދި އެކަން ކާމިޔާބުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.