ދިވެހިރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން މިދިޔަ އަހަރު ބީލަމަށް ހުޅުވާލި 20 ސަރަހައްދުން، އެކުއެޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް 15.2 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 234 މިލިއަން ރުފިޔާ) ލިބޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފިއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ތަރައްގީކުރުމަށް ހުޅުވާލި މި 20 ތަނުގެ ތެރޭގައި ހިމެނެނީ ފަޅުތައް ހިމެނޭހެން ދޫކުރި 8 ޕްލޮޓަކާއި، ރަށްރަށުގެ ފަޅުން ވަކިކޮށްފައިވާ 12 ސަރަހައްދެކެވެ. މި ހުރިހާ ތަނެއްގެ ބީލަން ހުށަހެޅުމުގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.
މި މަޝްރޫއުތަކުން ލިބޭނެކަމަށް ބެލެވޭ އާމްދަނީގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެކަމަށް ދައްކަނީ ފ. މަގޫދޫގެ ހަތަރު ސަރަހައްދުންނެވެ. އެއީ ޖުމްލަ 6 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ހއ. މާދުނީ ފަރު، ހދ. މާފަރު އަދި ށ. ގޮނާ ފަރު ހިމެނޭހެން ކޮންމެ ސަރަހައްދަކުން 3 ޕްލޮޓް ދޫކޮށްފައިވާއިރު، މިއިން ކޮންމެ ތަނަކުން 2.1 މިލިއަން ޑޮލަރު ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.
ހދ. މަކުނުދޫ ފަރުގެ ދެ ސަރަހައްދުން 1.4 މިލިއަން ޑޮލަރު ލިބޭނެކަމަށް ބެލެވޭއިރު، ހއ. ކެލާގެ ދެ ފަޅުން 600،000 ޑޮލަރު ލިބޭނެކަމަށް ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ށ. ފުނަދޫ އާއި ފ. ނިލަންދޫގެ ދެ ޕްލޮޓުން، ކޮންމެ ތަނަކަށް 150،000 ޑޮލަރުގެ ރޭޓުން އެކުއެޒިޝަން ކޮސްޓް ލިބޭނެކަމަށްވެސް ވަނީ އަންދާޒާކޮށްފައެވެ.
މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް، އަލަށް ދޫކުރި މި ކޮންމެ ތަނެއްގައިވެސް މަދުވެގެން 50 ކޮޓަރި ނުވަތަ 100 އެނދު ތަރައްގީ ކުރަން ޖެހޭނެއެވެ. މި މަޝްރޫއުތައް ނިމި ޚިދުމަތް ދޭން ފެށުމުން، ރާއްޖޭގެ ޓޫރިޒަމް މާކެޓަށް އިތުރު 1،400 އެނދު ނެރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
