ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ފިންލެންޑް އަތުން 2-0 އިން ހޯދީ މޮޅާއެކު ބެލްޖިއަމުން ގްރޫޕް ބީ ގެ އެއްވަނަ މަގާމު ކަށަވަރުކުރިއިރު، ޑެންމާކުން 4-1 އިން ރަޝިޔާ ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މިއީ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި އެ ޓީމު ކުޅުނު ތިން މެޗުން ސައްތައިން ސައްތައިގެ ރެކޯޑެއް ގާއިމްކުރި ފުރަތަމަ ފަހަރެވެ. މީގެކުރީން، އެ ޓީމުން ވަނީ 1980 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އަނެއް ދެ މެޗުން އެއްވަރުކޮށް ނޮކްއައުޓް ބުރުން ފުރުޞަތު ހޯދާފައެވެ.
ރޭގެ މެޗުތަކާއެކު ބެލްޖިއަމުން ގްރޫޕްގެ އެއްވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް ޑެންމާކާއި، ތިންވަނައިގައި އޮތް ފިންލެންޑްގެ އިތުރުން އެންމެ ފުލުގައި އޮވެ މުބާރާތް ނިންމާލި ރަޝިޔާ އަށް ވެސް ލިބުނީ ތިން ޕޮއިންޓެވެ. ޑެންމާކަށް ކުރިލިބުނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ސެއިންޓް ޕީޓަސްބާގުގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ފިންލެންޑުން ވަނީ ބެލްޖިއަމް ލަނޑެއްޖެހިޔަނުދީ ހިފަހައްޓާފައެވެ. މި މެޗުގައި ބެލްޖިއަމުން ޖެހި ފުރަތަމަ ގޯލަކީ ފިންލެންޑްގެ ކީޕަރު ލޫކަސް ރަޑޭކީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ މެޗުގެ 74 ވަނަ މިނެޓުގައި ބެލްޖިއަމުން ނެގި ކޯނަރެއްގައި އެ ޓީމުގެ ޑިފެންޑަރު ތޯމަސް ވާމެލަން ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ ދަނޑީގައި ޖެހިފައި ނިކުތްވަގުތު އެ ބޯޅަ ސަލާމަތްކުރަން ރަޑެކީ އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ޖެހިފައި ވަތް ގޯލެކެވެ.
ބެލްޖިއަމުން މި މެޗުގައި ޖެހި ދެވަނަ ލަނޑުޖެހީ، އިންޓަ މިލާންގެ އިތުބާރު ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. މިއީ މެޗު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ކެވިން ޑިބްރޭނާ ދިން ބޯޅައަކުން ލުކާކޫ ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ލުކާކޫ ޖެހި ތިންވަނަ ގޯލެވެ. މިއާއެކު، ލުކާކޫ ވަނީ ޔޫރޯގެ އެއް މުބާރާތުގައި ބެލްޖިއަމަށް ތިން ލަނޑުޖަހައިދިން ފުރަތަމަ ކުޅުންތެރިންޔާގެ ޝަރަފު ހޯދާފައެވެ.
މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުގައި ޑެންމާކުން 4-1 ގެ ތަފާތަކުން ރަޝިޔާ ބަލިކޮށް އަނެއް ބުރުން ފުރުޞަތު ހޯދިއިރު، މިއީ 2004 ވަނަ އަހަރުގެ ފަހުން އެ ޓީމުން ނޮކްއައުޓް ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ޑެންމާކުން އެ ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅެފައިވެއެވެ. އަދި ޑެންމާކަކީ ޔޫރޯގެ ތާރީޚުގައި ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން ބަލިވެ، ނޮކްއައުޓް ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމެވެ.
ޑެންމާކުގެ ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި ޖެހުނީ އެންމެ ލަނޑެކެވެ. ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ޑެންމާކަށް މި ލަނޑުޖަހައިދިނީ މިކޭލް ޑަމްސްގާޑް އެވެ. މިއީ އެ ޓީމުގެ ޕިއޭ-އެމީލް ހޮއިބިއޭ ދިން ބޯޅައަކުން ޑަމްސްގާޑް ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު އޭނާ ވަނީ ޔޫރޯގައި ޑެންމާކަށް ލަނޑުޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މި ލަނޑުޖެހިއިރު ޑަމްސްގާޑްގެ އުމުރަކީ 20 އަހަރާއި 353 ދުވަހެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ 14 ވަރަކަށް މިނެޓުގެ ތެރޭގައި ޑެންމާކުގެ ދެވަނަ ލަނޑު، ކްރިސްޓިއަން ޕޯލްސަން ކާމިޔާބުކޮށްދިންއިރު، ރަޝިޔާގެ ކެޕްޓަން އާޓެމް ޒޫބާ ވަނީ މެޗުގެ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މިއީ ރަޝިޔާގެ އަލެކްސެންޑަ ސޮބޮލޭވް އަށް ޑެންމާކުގެ ޔަނިކް ވެސްޓަގާޑް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ގޯލާއެކު ޒޫބާ ވަނީ ރަޝިޔާގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި އަލެކްސެންޑަ ކާޒަކޯވްގެ ރެކޯޑާ އެއްވަރުކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް ޖަހާފައިވަނީ 30 ލަނޑެވެ.
ރަޝިޔާ އިން ލަނޑުޖެހިތާ ނުވަ މިނެޓުފަހުން، ޑެންމާކަށް ކުޅެމުން އަންނަ ޗެލްސީގެ ޑިފެންޑަރު އަންދްރެއަސް ކްރިސްޓެންސަން ވަނީ ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އެ ޓީމަށް ފަރަގު ބޮޑުކޮށްދީފައެވެ. އަދި އޭގެފަހުން، މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ޔޯކީމް މޭލާ ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ 4-1 އަށް ބަދަލުކޮށްލާފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން