ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މޯލްޑިވިއަން އައިޑޮލްގެ ޖަޖުކަން ކޮށްފައިވާ އިސްމާއިލް އައްފާން ކައިވެނިކޮށްފިއެވެ.

މިއުޒިކީ ދާއިރާގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އައްފާންގެ ކައިވެނި ހަފްލާ ބާއްވާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ކައިވެންޏަކީ ގިނަ ފޭނުންނަށް ހީނުކުރާ ކުއްލި "ސަޕްރައިޒް" އަކަށް ވެގެންދިޔައިރު، ސޯޝަލް މީޑިއާގައި މިހާރު ދަނީ މި ހަފްލާގެ ފޮޓޯތަކާއި ވީޑިއޯތައް ދައުރުވަމުންނެވެ.

މި ކުލަގަދަ ހަފްލާގައި ރާއްޖޭގެ މިއުޒިކީ ދާއިރާގެ މަޝްހޫރު ފަންނާނުންނާއި، އައްފާން ނިސްބަތްވާ "އިކުއެޓިކް ވައިބް" ބޭންޑުގެ މެމްބަރުންގެ އިތުރުން ގާތް އެކުވެރިންނާއި އާއިލާގެ މެމްބަރުން ވަނީ ބައިވެރިވެފައެވެ.

އައްފާން އާންމުންގެ ތެރޭގައި ބޮޑަށް މަޝްހޫރުވެގެންދިޔައީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން 2 އަދި 3 ގެ ޖަޖެއްގެ ގޮތުގައި ފެނިގެން ދިޔަ ހިސާބުންނެވެ. އޭގެ ކުރިންވެސް އަދި ފަހުންވެސް އޭނާއަކީ ރާއްޖޭގެ އެންމެ ޑިމާންޑް ބޮޑު އެއް ލަވަކިޔުންތެރިޔާއެވެ.

އައްފާންގެ ކައިވެންޏާ ގުޅިގެން އޭނާގެ ފޭނުންނާއި މިއުޒިކީ ދާއިރާގެ އެކުވެރިން އަންނަނީ އޭނާއަށާއި އޭނާގެ ހަޔާތުގެ ބައިވެރިޔާއަށް މަރުހަބާ ކިޔަމުންނެވެ.