އަޒަރުބައިޖާން އިންޓަނޭޝަނަލް ޗެލެންޖުގައި ވާދަކުރި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކްލަބް އަދި ގައުމީ ޓީމުގެ ކުޅުންތެރިން ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ކުޅުންތެރިންނާ ވާދަކޮށް ރަނގަޅު ތަޖުރިބާތަކެއް ހޯދައިފިއެވެ.

މި މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގެ ގަދަ 16 ބުރުގައި ރާއްޖޭގެ އެންމެ ކާމިޔާބު ޕެއާ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ވަނީ ދުނިޔޭގެ ރޭންކިންގެ 59 ވަނައިގައި އޮތް އިންޑިއާގެ ވަރުގަދަ ޕެއާއަކާ ވާދަކޮށްފައެވެ. ގަދަ 32 ގެ ބުރު ވޯކްއޯވާ އަކުން ކާމިޔާބުކޮށް ގަދަ 16 ގައި ނަބީ އާއި ނަބާ ނުކުތީ މުބާރާތުގެ 4 ވަނައަށް ސީޑުކޮށްފައިވާ އަޝްވިނީ ބަޓް އާއި ޝިކާ ގޯތަމްއާ ދެކޮޅަށެވެ. މި މެޗު އިންޑިއާގެ ޕެއާއިން ކާމިޔާބުކުރީ 21-04 އަދި 21-12 އިންނެވެ. މިއީ ބައިނަލްއަގުވާމީ މައިދާނުގައި ނަބީ އާއި ނަބާއަށް ލިބުނު މުހިންމު ތަޖުރިބާއެކެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސް ކޮލިފައިންގައި ވާދަކޮށް ޒަޔާން ޒަކީ ވަނީ މޮޅެއް ހޯދާފައެވެ. ކޮލިފައިންގެ 64 ކުޅުންތެރިންގެ ބުރުގައި އަޒަރުބައިޖާންގެ ފަޖާރު ކަރިމްލީއާ ވާދަކޮށް 21-10، 21-14 އިން ޒަޔާން މޮޅުވިއެވެ. ނަމަވެސް 32 ކުޅުންތެރިންގެ ބުރުގައި އިންގްލެންޑްގެ ނަދީމް ޑަލްވީ އަތުން 21-05، 21-10 އިން ޒަޔާން ވަނީ ބަލިވެފައެވެ. މި ބައިގައި ވާދަކުރި ރާއްޖޭގެ އަހުމަދު ނިބާލް ބަލިވީ ފިލިޕީންސްގެ ކުޅުންތެރިއެއް އަތުންނެވެ.

އަންހެން ސިންގަލްސްގައި ނަބާ ވާދަކުރީ މުބާރާތުގެ ދެވަނައަށް ސީޑުކޮށްފައިވާ ދުނިޔޭގެ 162 ވަނަ، ޖަޕާނުގެ ޝިއޯރީ އެބިހާރާއާއެވެ. މި މެޗުން ނަބާ ބަލިވީ 21-05، 21-04 އިންނެވެ. އަދި ނަބީ ވަނީ ޔޫއޭއީގެ ކުޅުންތެރިއެއް އަތުން ބަލިވެފައެވެ.

މީގެ އިތުރުން ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސްގައިވެސް ރާއްޖޭގެ ޕެއާތައް ވަނީ ވާދަކޮށްފައެވެ. މިކްސް ޑަބަލްސްގައި ނިބާލް އާއި ނަބީގެ ޕެއާ ސްވިޒަލެންޑްގެ ޕެއާއެއް އަތުން ބަލިވިއިރު، ޒަޔާން އާއި ނަބާގެ ޕެއާ ބަލިވީ ޖަރުމަނުގެ ޕެއާއެއް އަތުންނެވެ.

މި މުބާރާތުގައި ވާދަކުރި ރިވައިވަލް ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވީ ނަޝްފާން މުހައްމަދުއެވެ.