އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ސަރުކާރުގެ "އައިނު ފިހާރަ" ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ.
މިއަދު ހަވީރު އޭއީއެޗްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފިހާރަ ރަސްމީކޮށް ހުޅުއްވައިދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމެވެ.
މިއީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގުމަށް ހުޅުވުނު ތިންވަނަ އައިނު ފިހާރައެވެ. އަދި މިއީ މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި ސަރުކާރުން މިފަދަ ފިހާރައެއް ހުޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
އޭއީއެޗްގައި މި ފިހާރަ ގާއިމުކޮށްފައިވަނީ ހޮސްޕިޓަލަށް ވަންނަ މައި ދޮރާވީ ފަޅިން، ހޮސްޕިޓަލުގެ ބޭރުން ފަސޭހަކަމާއެކު ވަދެވޭނެހެންނެވެ.
ސަރުކާރުން އާންމުންނަށް ހެޔޮ އަގުގައި އައިނު ފޯރުކޮށްދިނުމުގެ މަގްސަދުގައި ހުޅުވަމުންދާ މި ސިލްސިލާގެ ފުރަތަމަ ފިހާރަ ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު އައިޖީއެމްއެޗްގައެވެ. އަދި އޭގެ ފަހުން އޮގަސްޓް މަހުގެ ތެރޭގައި ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ހުޅުވާފައެވެ. މި ހުރިހާ ފިހާރަތަކެއްވެސް ހިންގަމުން އަންނަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިންނެވެ.
