ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް ގާއިމުކުރެވޭ ޕަބްލިކް ވޯކްސް ޔުނިޓްތަކާއެކު ގާތްގަނޑަކަށް 500 އެއްހާ ވަޒީފާ އުފެދިގެންދާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި، ޕަބްލިކް ވޯކްސް ޔުނިޓްތައް ފުޅާކުރެއްވުމަށް ވިދާޅުވި ވާހަކަފުޅަށް އިޝާރާތްކުރައްވައި ވަޒީރު ވިދާޅުވީ، މިއީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި ޚިދުމަތް ފުޅާވުމާއެކު އުފެދޭ ވަޒީފާތަކުގެ ތެރޭގައި ޑްރައިވަރުންނާއި، އިދާރީ މުވައްޒަފުންގެ އިތުރުން ފަންނީ މުވައްޒަފުން ހިމެނޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތަށް ބޭނުންވާ އުޅަނދުތައް އޭޕްރީލް މަހުގެ ތެރޭގައި ލިބޭނެ ކަމަށާއި، އެ އުޅަނދުތައް ދުއްވާނެ ޑްރައިވަރުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މިހާރު ޕަބްލިކް ވޯކްސް ޔުނިޓްތައް ގާއިމުވެފައި ނުވާ 15 އަތޮޅެއްގެ 19 ރަށެއްގައި، އެންމެ ޒަމާނީ ވަސީލަތްތަކާއެކު މިއަހަރުގެ މެދުތެރޭގައި މި ޔުނިޓްތައް ގާއިމުކުރެވޭނެއެވެ. މިކަމުގެ ސަބަބުން ރަށްރަށުގައި ގާއިމުކޮށްފައިވާ އުމްރާނީ ވަސީލަތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ކައުންސިލްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
