އައްޑޫ ސިޓީ ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ޚިދުމަތް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، އެ ސިޓީ ވިޔަފާރި ހަބަކަށް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި އޮތް ބައިނަލްއަޤްވާމީ ދެ ޕޯޓަކީ ހަމައެކަނި "ސެޓެލައިޓް ޕޯޓް" ތަކެއްގެ ގޮތުގައި އޮވެގެން ވިޔަފާރި ނުއުފެދޭނެ ކަމަށެވެ. އެހެންކަމުން ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ނަމަވެސް، ވިޔަފާރިވެރިންނަށް އެތަންތަން ބޭނުންކުރެވޭނެ މަގު ފަހިކޮށްދޭންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި 2 ޕޯޓު (ކުޅުދުއްފުށި އަދި ހިތަދޫ ޕޯޓް) ވެގެން މިދަނީ ޑިއުޓީ ފްރީކޮށް މުދާ ބެހެއްޓޭނެ ޖާގަ ލިބިގެންދާ 2 ޕޯޓަށް. މީގެތެރޭގައި ކޮންސްޓްރަކްޝަން މުދާ، މިސާލަކަށް ހިލައާއި ވެލި އަދި އެހެނިހެން ކޮންސްޓްރަކްޝަންގެ ބޭނުންތަކަށް ގެންނަ މުދާވެސް މިހާރު ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ،" ސަޢީދު ވިދާޅުވިއެވެ.
ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓައި، ބޮންޑެޑް ޒޯންގެ ޚިދުމަތް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާދެމެދު މިއަދު ވަނީ ސޮއިކޮށްފިއެވެ.… pic.twitter.com/4WNDln4sOX
— Maldives Ports Limited (@Portmv) February 7, 2026
މީގެ އިތުރުން ކޮންޓެއިނަރުގައި ގެންނަ މުދަލާއި ފިނިކުރި މުދާވެސް ހިތަދޫ ޕޯޓުގައި ޑިއުޓީ ނުދައްކައި ބެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބަދަލުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި އައްޑޫ ޕޯޓް ތަރައްގީކުރުމަށް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މީގެ އިތުރުން، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، 2027 ވަނަ އަހަރުގެ ނޮވެމްބަރު 11 ގެ ނިޔަލަށް އެ މަސައްކަތް ނިންމުމަށް ރައީސް އަމާޒު ހިއްޕަވާފައިވާ ކަމަށެވެ.
