މިހާރު ބްރެޒިލްގައި ކުރިއަަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ޕެރަގުއޭ އަތުން 1-0 އިން ހޯދީ މޮޅާއެކު އާޖެންޓީނާ އެ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުޞަތު ހޯދިއިރު، އުރުގުއޭއާ ދެކޮޅަށް ޗިލީ ކުޅުނު މެޗުން 1-1 އިން އެއްވަރުވިނަމަވެސް އެ ޓީމުން އަނެއް ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ރޭގެ ނަތީޖާއާއެކު މި ގްރޫޕުގެ އެއްވަނައިގައި އޮތް އާޖެންޓީނާ އަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، އޭދެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޗިލީ އެވެ. ތިންވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދާފައިވާ ޕެރަގުއޭ އެވެ. ހަތަރުވަނައިގައި އޮތް އުރުގުއޭ އަށް ދެ މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ބޮލީވިއާ އަށް އަދި ޕޮއިންޓެއްނުލިބެއެވެ.
އެސްޓާޑިއޯ ނެސިއޮނާލްގައި ރޭ އާޖެންޓީނާ ކުޅުނު މެޗު ފެށިގެން 10 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ އަލެހަންދްރޯ ގޯމޭޒް (ޕާޕޫ ގޯމޭޒް) އެވެ. މިއީ އެ ޓީމުގެ ހުނަރުވެރި ވިންގާ އެންހެލް ޑި މާރިއާ ދިން ބޯޅައަކުން ގޯމޭޒް ޖެހި ގޯލެކެވެ.
އޭގެފަހުން، މެޗުގެ ފުރަތަމަ ހާފުގައާ ދެވަނަ ހާފުގައި ވެސް އާޖެންޓީނާ އަށް ލަނޑުޖަހަން ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ޕެރަގުއޭ އިން ތަނަވަސްކުރި ފުރުޞަތުތައް ނާކާމިޔާބުކޮށްލުމުގައި އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މޮޅު ކުޅުމެއްދައްކާފައެވެ.

މި މެޗާއެކު އާޖެންޓިނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެގެން ހަވިއާ މަޝެރާނޯ ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފައެވެ. މަޝެރާނޯ އާއި މެސީ ވަނީ މިހާތަނަށް އާޖެންޓީނާ ގައުމީ ޓީމަށް 147 މެޗު ކުޅެފައެވެ.
މި މުބާރާތުގައި ރޭ އުރުގުއޭއާ ދެކޮޅަށް ޗިލީ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ޗިލީ އިންނެވެ. ބެން ބްރެރެޓަން ދިން ބޯޅައަކުން އެ ޓީމަށް މިލަނޑުޖަހައިދިނީ އެޑުއާޑޯ ވާގަސް އެވެ. މި މެޗުގައި އުރުގުއޭ އިން އެއްވަރުކުރި ލަނޑަކީ ޗިލީގެ މިޑްފީލްޑަރު އާޓުރޯ ވިޑާލް އަތުން ބައިކޮޅަށް ގޯލެކެވެ. ރޭގެ މެޗުގައިވެސް ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒް އަނިޔާގެ ސަބަބުން ނުކުޅެއެވެ.
މި ފަހަރުގެ ކޮޕާ އެމެރިކާގައި ދެން މެޗެއް ކުޅެވޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުގެ ފުރަތަމަ މެޗުގައި ދަންވަރު 2 ޖަހާއިރު އެކުއޭޑޯއާ ޕެރޫ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ރާއްޖޭގަޑިން ފަތިހު 5 ޖަހާއިރު އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް ނިކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.
