ދުންފަތުގެ އިސްތިއުމާލު ކުރުމެކޭ އެއްވަރަށް ޕެކެޓު ކާނާ ނުވަތަ "އަލްޓްރާ ޕްރޮސެސްޑް ފުޑް" ބޭނުންކުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަމަށް ފަހުގެ ދިރާސާތަކުން ދައްކައިފިއެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިފަދަ ކާނާގެ ނުރައްކާތެރިކަން ބޮޑުކަމުން، ސިނގިރޭޓު ފޮށީގައި އިންޒާރު ޖަހާ އުސޫލުން މިފަދަ ކާނާގެ ލޭބަލްގައިވެސް އިންޒާރު ޖަހަން ޖެހެއެވެ.
ދުނިޔޭގެ މަޝްހޫރު ސިއްހީ މެގަޒިން "ދަ ބީއެމްޖޭ" ގައި ޝާއިއުކޮށްފައިވާ ބޮޑު ދިރާސާއެއްގައި ވަނީ، ޕެކެޓު ކާނާ ކެއުމާއި ސިއްހީ ބޮޑެތި މައްސަލަތަކާ ގުޅުން ހުރި މިންވަރު ހާމަކޮށްފައެވެ. ގާތްގަނޑަކަށް 10 މިލިއަން މީހުންގެ މައުލޫމާތު ބޭނުންކޮށްގެން ހަދާފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، ޕެކެޓު ކާނާ ގިނައިން ކާ މީހުންނަށް ހިތުގެ ބަލިތަކާއި، ހަކުރު ބަލި އަދި ކެންސަރު ފަދަ 32 ބައްޔެއް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. މީގެ ތެރޭގައި ނަފްސާނީ ބަލިތައް ވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
މި ދިރާސާގައި އިސްކޮށް އުޅުއްވި ބްރެޒިލްގެ ސައޮ ޕައުލޯ ޔުނިވާސިޓީގެ ޕްރޮފެސަރު ކާލޯސް މޮންޓެއިރޯ ފާހަގަކުރެއްވި ގޮތުގައި، ޕެކެޓު ކާނާ އުފައްދާ ކުންފުނިތަކުން އަމަލުކުރަމުން ދަނީ ކުރިން ދުންފަތުގެ ވިޔަފާރިކުރާ ކުންފުނިތަކުން އަމަލުކުރި ގޮތަށެވެ. އެއީ މިފަދަ ކާނާ ތައްޔާރުކުރާއިރު މީހުން އޭގެ ދެވިހިފާނެ ފަދަ ގޮތަކަށް، ގިނަ އަދަދަކަށް ހަކުރާއި ލޮނު އަދި ކެމިކަލް ބޭނުން ކުރުމެވެ. މީގެ ސަބަބުން، ސިނގިރޭޓަށް މީހުން ދެވިހިފާ ގޮތަށް ކުޑަކުދިންނާއި ބޮޑެތި މީހުން މި ކާނާއަށް ދެވިހިފައެވެ.
މިކަމާ ގުޅޭގޮތުން ޕްރޮފެސަރު މޮންޓެއިރޯ ވިދާޅުވީ، "ސިއްހަތަށް ގެއްލުން ހުރި ކާނާއާ މެދު އަޅާ ފިޔަވަޅުތައް މިހާރަށްވުރެ ހަރުކަށި ކުރަން ޖެހޭ. ސިނގިރޭޓު ވިއްކުން ކޮންޓްރޯލް ކުރަން ގެންގުޅޭ އުސޫލުތައް ޕެކެޓު ކާނާއަށް ވެސް ތައާރަފު ކުރަން ޖެހޭ. އޭގެ މާނައަކީ، މިފަދަ ތަކެތީގެ ބޭރުގައި ސިއްހަތަށް ލިބޭ ގެއްލުމުގެ އިންޒާރު ސާފުކޮށް ފެންނަން ހުންނަން ވާނެ." ކަމަށެވެ.
ސިއްހީ މާހިރުން ލަފާދެނީ ޕެކެޓު ކޮށްފައި ހުންނަ ލުއިކާނާ އާއި، ސޮސެޖު، ނަގެޓްސް އަދި ފިނި ބުއިންތައް ފަދަ ތަކެތި ބޭނުންކުރުން ހުއްޓާލުމަށެވެ. އޭގެ ބަދަލުގައި ގޭގައި ތައްޔާރުކުރާ ތާޒާ ކާނާ ކެއުމަށާއި، މޭވާ އާއި ތަރުކާރީ ކެއުމުގައި ގިނަކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ. ޒަމާނީ ދިރާސާތަކުން އެނގޭ ގޮތުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި، ދުންފަތާ ދުރުހެލިވާ ފަދައިން ޕެކެޓު ކާނާއާ ވެސް ދުރުހެލިވުން މުހިންމެވެ.
