އިސްލާމްދީނުގައި ފުރިހަމަގޮތުގައި ޠާހިރުވުމަކީ ހަމައެކަނި ހަށިގަނޑުން ނުސާފުކަން ފިލުވައިލުމަށް ކުރެވޭ އާދައިގެ ކަމެއް ނޫނެވެ. އެއީ މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރެވޭ ރޫޙާނީ އަޅުކަމެކެވެ. ހިނައިގަތުމަކީ، ނަމާދު ފަދަ މަތިވެރި އަޅުކަންތަކަށް ތައްޔާރުވުމުގެ ގޮތުންނާއި، މާތް ﷲ ގެ ޙަޟުރަތުގައި ކުއްތަންވުމުގެ ކުރިން ކުރެވޭ މުހިންމު ޢަމަލެކެވެ.

އިސްލާމްދީނުގައި ސާފުތާހިރުކަމަށް ދީފައިވާ އަހަންމިއްޔަތު ވަރަށް ބޮޑެވެ. އެގޮތުން މި ދީނުގައި ސާފުތާހިރުކަން މިން ކުރަނީ އީމާންކަމުގެ ދެބައިކުޅަ އެއްބައި ފަދައިންނެވެ. މިކަމުން އެނގިގެންދަނީ ހިނައިގަތުން ފަދަ ޠާހިރުވުމުގެ ކަންކަމަކީ ހަމައެކަނި ދުނިޔެވީ އާދަކާދައެއް ނޫން ކަމާއި، އެއީ އީމާންކަމާއި އަޅުކަމާ ގުޅިފައިވާ ވަރަށް މުހިންމު އަސާސެއް ކަމެވެ. އިސްލާމީ ޝަރީޢަތުގައި މިކަންކަން ކަނޑައަޅުއްވާފައިވަނީ ކޮންމެ މީހަކަށްވެސް ފަސޭހައިން ކުރެވޭނެ ފަދަ މަގުތަކެއްގެ މަތިންނެވެ. ނަމަވެސް އެ ފަސޭހަކަމާއެކު، އެކަމުގައި ފަރުވާކުޑަނުކޮށް ފުރިހަމައަށް އެ ޢަމަލު އަދާކުރުމަށް ވަނީ ބާރުއަޅުއްވާފައެވެ.

އަދުގެ އިލްމުވެރިންވެސް މި ޙަޤީޤަތް ވަނީ ވަރަށް ރީތިކޮށް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ޑރ. ޔާސިރު ގާޒީ ފާހަގަކުރައްވާ ގޮތުގައި، ހިނައިގަތުމަކީ މާތް ﷲ ގެ ޙަޟުރަތުގައި މުއުމިނާގެ ކަރާމާތާއި ޤަދަރު އަލުން އިޢާދަކޮށްދޭ ވަސީލަތެކެވެ. މީގެ ބޭނުމަކީ ބޭރުފުށުންނާއި އެތެރެފުށުން (ހިތާއި ރޫޙުން) ސާފުޠާހިރު ހާލަތެއްގައި ހުރެގެން މާތް ﷲ އަށް އަޅުކަންކުރުން ކަށަވަރުކުރުމެވެ. މިއީ ހަމައެކަނި ފެންފޮދެއް އޮއްސާލުމެއް ނޫނެވެ. އެއީ ނަމާދުގެ މަތިވެރިކަމާ އެއްގޮތްވާނެހެން ހަށިގަނޑާއި ރޫޙު އެއްގަލަކަށް އެރުވުމެވެ.

ހިނައިގަތުމުގެ މުހިންމުކަން ކީރިތި ޤުރްއާނުގެ އަލްމާއިދާ ސޫރަތުގެ 6 ވަނަ އާޔަތުން ވަރަށް ސަރީޙަކޮށް އެނގެން އޮވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَاطَّهَّرُوا...﴾ މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން ޤަޞްދުކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން ޠާހިރުވެގަންނާށެވެ!..."

މި އާޔަތުގެ ނިމުމުގައި މާތް ﷲ ބަޔާންކުރައްވަނީ، މި އަމުރުފުޅުތަކުގެ މަޤްޞަދަކީ އަޅުތަކުންނަށް ދަތިކަމެއް ކުރިމަތިކުރުވުން ނޫން ކަމާއި، އެކަލާނގެ އިރާދަކުރައްވަނީ އަޅުތަކުން ޠާހިރުކުރެއްވުމަށާއި، އެކަލާނގެ ނިޢުމަތް އަޅުތަކުންގެ މައްޗަށް ފުރިހަމަކުރެއްވުމަށް ކަމަށެވެ. އަދި އެއީ އަޅުތަކުން ޝުކުރުވެރިވުމަށްޓަކައެވެ.

އަޅުގަނޑުމެން ކުރާ ނަމާދުގެ ޞައްޙަކަން ހިނައިގަތުމުގެ މައްޗަށް ބިނާވެފައިވާއިރު، ހިނައިގަތުމުގެ ކަންކަން ރަނގަޅު ގޮތުގައި އުނގެނުމަކީ ކޮންމެ މުސްލިމެއްގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. މިއީ މާއްދީ ސާފުތާހިރުކަމާއި ރޫޙާނީ މަތިވެރިކަން ގުޅުވައިދޭ ފާލަމެކެވެ. އިސްލާމްދީނުގެ ލުއިފަސޭހަކަމުގެ ތެރެއިންވެސް، އަޅުކަމުގެ ހައިބަތާއި ފުރިހަމަކަން ހިފެހެއްޓުމަށްޓަކައި ޠާހިރުވުމުގެ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

 

ހަވާލާ: ޑރ. ޔާސިރް ގާޒީ ގެ ދަރުހަކުން (2025)