ހއ. ދިއްދޫގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އެއާޕޯޓާއި ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ ބޮޑު ބައި ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްއޭސީއެލް އިން ބުނެފިއެވެ. މިހާތަނަށް އައިއިރު އެ ރަށުން ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދުގެ 70 ޕަސަންޓު ވަނީ ހިއްކާ ނިންމާފައެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ފެށި މި މަޝްރޫއުގެ ދަށުން ދިއްދޫ ފަޅުން ޖުމްލަ 112 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެމްއޭސީއެލް އިން މައުލޫމާތު ދިން ގޮތުގައި އޭގެ ތެރެއިން މިހާރު ވަނީ 78 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައެވެ. މިއީ މުޅި މަޝްރޫއުގެ މަސައްކަތަށް ބަލާއިރު ވަރަށް ހަލުވި ދުވެލީގައި ކުރިއަށްދާ މަސައްކަތެއްކަން ފާހަގަކުރެވެއެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ފެންވަރުގެ ބޮޑު ޑްރެޖަރެއް ކަމަށްވާ "ލެއިވް އެރިކްޝަން" ބޭނުންކޮށްގެންނެވެ. މިއީ 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ، "ޓްރެއިން ސަކްޝަން ހޮޕަރ" ވައްތަރުގެ ޑްރެޖަރެކެވެ. މިފަދަ ވަރުގަދަ އުޅަނދެއް ބޭނުންކުރުމުގެ ސަބަބުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ ލަފާކޮށްފައިވާ ވަރަށްވުރެ ވެސް އަވަހަށެވެ.

ދިއްދޫއަކީ އާބާދީ ބޮޑު ރަށަކަށް ވާއިރު، ރަށުގެ ރަޖިސްޓްރީގައި 5000 މީހުން ތިބެއެވެ. ނަމަވެސް ތައުލީމާއި ސިއްހީ ޚިދުމަތް ހޯދުމަށް އެހެން ރަށްރަށުން މީހުން އައިސް ވަޒަންވެރިވެ އުޅޭތީ، ރަށުގެ އާބާދީ 7000 އަށް އަރައެވެ. އެހެންކަމުން މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވައުދެކެވެ.

މި އެއާޕޯޓު ތަރައްގީވުމުން ހއ. އަތޮޅުގެ އެހެން ރަށްތައް ކަމަށްވާ ވަށަފަރު، ފިއްލަދޫ، ކެލާ، މުރައިދޫ، ބާރަށް އަދި އުތީމަށް ވެސް ދަތުރުފަތުރުގެ ލުއިފަސޭހަކަން ލިބި، އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. ހއ. އަތޮޅުގައި މިވަގުތު އޮޕަރޭޓް ކުރަމުން އަންނަނީ ހޯރަފުށީ އެއާޕޯޓު އެކަންޏެވެ.