ޖެންޑާ މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ސައިން ލެންގުއޭޖް ސެޓްފިކެޓް ލެވަލް 3" ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަމަވާނެއެވެ. މިއީ މުޖުތަމައުގައި އުޅޭ އަޑުއިވުމުން މަހުރޫމުވެފައިވާ މީހުންނާ މުއާމަލާތް ކުރުމުގެ ހުނަރު އާންމުންނަށް ދަސްކޮށްދިނުމުގެ މަގްސަދުގައި ހިންގާ ކޯހެކެވެ.

މި ކޯހަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް (އެމްއެންކިއުއެފް) ލެވަލް 3 ގެ ފެންވަރަށް ފަރުމާކޮށްފައިވާ ކޯހެކެވެ. ފުލް-ޓައިމްކޮށް ކުރިއަށް ގެންދާ މި ކޯހުގެ މުއްދަތަކީ 6 މަސް ދުވަސް ނުވަތަ އެއް ސެމިސްޓާއެވެ. މި ކޯހުގެ ޒަރީއާއިން ބައިވެރިންނަށް އިޝާރާތުން ވާހަކަ ދެއްކުމުގެ ގާބިލުކަން އިތުރުވެ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ފަސޭހަކަމާއެކު މުއާމަލާތް ކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

ޖެންޑާ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީން އާންމުކޮށްފައިވާ ލިންކެއް ނުވަތަ ކިއުއާރް ކޯޑު ބޭނުންކޮށްގެން ފޯމު ހުށަހެޅޭނެއެވެ. އެޕްލިކޭޝަން ބަލައިގަންނާނެ އެންމެ ފަހު ތާރީޚަކީ މާދަމާ، 9 ފެބްރުއަރީ 2026 އެވެ. ވީމާ ޝައުގުވެރިވާ ފަރާތްތަކުން ވީހާވެސް އަވަހަށް ފޯމު ހުށަހެޅުމަށް އެ ފަރާތުން އެދެއެވެ.

މި ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ އިޖުތިމާއީ ސިޔާސަތުގެ ދަށުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަހި އަދި ޝާމިލު މުޖުތަމައެއް ބިނާކުރުމަށްޓަކައި ހިންގާ މުހިންމު ހަރަކާތެކެވެ. މިފަދަ ކޯސްތަކުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.