ވެކްސިން ޕްރޮގްރާމުގެ އާ ފިޔަވަހީގައި އެއް ދުވަހުން 8.5 މިލިއަން ޑޯޒް ވެކްސިން ދީ އިންޑިއާގައި ރެކޯޑެއް ހަދައިފިއެވެ.
މިއީ ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާ ދަނޑިވަޅުގައި ވެސް އިންޑިއާ ސަރުކާރުން ހަރުކަށި އުސޫލުތަކެއް ނުގެންގުޅޭ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވަމުން ދަނިކޮށް ކުރި ކަމެކެވެ.
އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ވެކްސިނަކީ ކޮވިޑުން ދިފާއުވުމަށް އެންމެ ވަރުގަދަ ހަތިޔާރު ކަމަށާއި، އެގައުމުގައި ރެކޯޑު އަދަދަކަށް ވެކްސިން ޖަހާފައިވާ ކަމަށެވެ.
މީގެ ކުރިން ރެކޯޑު ގާއިމްކޮށްފައި ވަނީ އެއް ދުވަސް ތެރޭގައި 4.3 މިލިއަން ޑޯޒް ވެކްސިން ޖަހައިގެންނެވެ. އެއީ އޭޕްރިލް މަސް ތެރޭގައެވެ. އެއީވެސް އިންޑިޔާއިން ގާއިމްކުރި ރިކޯޑެކެވެ.
އިންޑިއާގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ބަދަލުގައި ފުރަތަމަ ވެކްސިން އުފައްދައިގެން ދިޔައީ އެކްސްޕޯޓު ކުރަމުންނެވެ. ވެކްސިން އެކްސްޕޯޓު ކުރުން ހުއްޓާލީ އެގައުމުގެ ހާލަތު ގޯސްވެ، ގައުމުގެ މީހުންނަށް ވެސް ވެކްސިން ނުލިބިދާނެކަމުގެ ބިރު ހީވާން ފެށުމުންނެވެ.
ޑިސެމްބަރު މަހުގެ ނިޔަލަށް 950 މިލިއަން މީހުންނަށް ވެކްސިން ޖެހުން އެއީ އަމާޒަކަށް ހަދައިގެން ކުރިޔަށް ދާކަމުގައި ވަނީ ނަމަ، އިންޑިއާގައި ދުވާލަކު 10 މިލިއަން ޑޯޒް ވެކްސިން ޖަހަން ޖެހެއެވެ.
އިންޑިއާ ސަރުކާރުން މިހާރު ވަނީ އެގައުމުގެ ސްޓޭޓްތަކުން އިސް ނަގައިގެން އަމިއްލައަށް ވެކްސިން ހޯދަން ހުއްދަދީފައެވެ. އަދި ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ވެކްސިން ފޯރުކޮށްދިނުމުގެ ކަންކަން ސަރުކާރުން ކުރަމުންދާކަމަށް ބުނެފައިވެއެވެ. އިންޑިއާގެ ހާލަތު ގޯސްވެފައިވުމުން، އެކި ގައުމުތަކުން އެހީގެ ގޮތުގައި ވެސް އިންޑިޔާއަށްވަނީ ވެކްސިން ދީފައިވެއެވެ.
އިންޑިޔާގައި ކޮވިޑުގެ ހާލަތު ގޯސްވެ، އެ ބަލީގައި 388،00 މީހުން ވަނީ އެގައުމުން މަރުވެފައެވެ.
