ޔޫރަޕްގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ގޮވައިގެން "އެމްއެސް އައިލެންޑް ސްކައި" ނަމަކަށް ކިޔާ ކްރޫޒްލައިނާއެއް އައްޑޫ ހިތަދޫއަށް ބަނދަރުކޮށްފިއެވެ. މިއީ މިއަހަރުގެ ތެރޭގައި އައްޑޫއަށް ދިޔަ ފުރަތަމަ ކްރޫޒްލައިނާއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، ސީޝެލްސް އިން ރާއްޖެ އައި މި ބޯޓުގައި 84 ޓޫރިސްޓުންނާއި 81 ފަޅުވެރިން ތިއްބެވެ. މި ހުރިހާ އެންމެންނަށް ވެސް އިމިގްރޭޝަނުން މިހާރު ވަނީ ކްލިއަރެންސް ދީ، ރަށުތެރެއަށް ފައިބައި އުޅުމުގެ ހުއްދަ ދީފައެވެ. މި ބޯޓުން އައިސްފައިވަނީ މުޅިންވެސް ޔޫރަޕްގެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

މިއީ މިއަހަރު ރާއްޖެއަށް އައި ތިންވަނަ ކްރޫޒްލައިނާއެވެ. މީގެ ކުރިން ރާއްޖެ އައި ދެ ކްރޫޒްލައިނާ ވެސް ބަނދަރުކޮށްފައިވަނީ މާލެއަށެވެ. އެހެންކަމުން މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދަކަށް މިއަހަރު ކްރޫޒްލައިނާއެއް ދިޔަ ފުރަތަމަ ފަހަރެވެ. މިފަދަ ބޯޓުތައް އައުމަކީ އައްޑޫގެ ޓޫރިޒަމަށް ލިބޭ ވަރަށް ބޮޑު ދިރުމެއް ކަމަށް ބެލެވެއެވެ.