އަންނަ 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވާތީ، އެކަމާ ގުޅޭ ބްރޭންޑިންގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް 55 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ކުރިއަށް ގެންދާ ހާއްސަ ހަރަކާތެކެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، 2027 ވަނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ހާއްސަ އަހަރެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަން އިއުލާން ކުރައްވާފައެވެ. އެމަނިކުފާނުގެ މި ވައުދުފުޅާ އެއްގޮތަށް ކަމާ ބެހޭ އިދާރާތަކުން މިހާރު ވަނީ ތައްޔާރީތައް ފަށާފައެވެ.

ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ. މި ކޮމިޓީގައި ސަރުކާރުގެ އިދާރާތަކާއި ޓޫރިޒަމް ދާއިރާގެ ބޮޑެތި ޖަމިއްޔާތައް ހިމެނެއެވެ. އޭގެ ތެރޭގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި އައިލެންޑް އޭވިއޭޝަން ހިމެނެއެވެ.

މީގެ އިތުރުން މި މަސައްކަތުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަމްސީލުކުރާ ޖަމިއްޔާތައް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ އިތުރުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ވެސް ބައިވެރިވެއެވެ.

މި ކެމްޕޭންގެ މަގްސަދަކީ ރާއްޖޭގެ ޓޫރިޒަމް ދުނިޔޭގެ ފެންވަރުގައި އިތުރަށް އިޝްތިހާރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމެވެ. 2027 ވަނަ އަހަރު މިކަން ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރާވަމުންދާނެ ކަމަށް ބެލެވެއެވެ.