ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުކަމުން ފެށިގެން ކްރިމިނަލް ކޯޓުގެ ގާޒީކަމަށް، އަދި މިހާރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އިސްމާއިލް ޝަފީއު އައްޔަންކުރައްވައި، ޝަރުއީ ދާއިރާގައި ބޮޑު ކުރިއެރުމެއް ހޯއްދަވައިފިއެވެ. ރޭ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ޝަފީއު ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ.
އިސްމާއިލް ޝަފީއު ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ވަޑައިގެންނެވީ 2021 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ހުންނެވީ ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައެވެ. އެހެންކަމުން މިއީ ކުރު މުއްދަތެއްގެ ތެރޭގައި އޭނާ ދަށު ކޯޓުން މަތީ ކޯޓަށް ކުރެއްވި ކާމިޔާބު ދަތުރުފުޅެކެވެ.
މި ރަސްމިއްޔާތުގައި ޝަފީއުގެ އިތުރުން، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ވެސް ވަނީ އަލުން އެ ކޯޓަށް އައްޔަންކުރައްވާފައެވެ. އަދި ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ލ. ކަލައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޔާޒް ވަނީ އައްޔަންކުރައްވާފައެވެ. މި ބޭފުޅުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
