މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ޚާއްސަކޮށްގެން "ވެލާނާ އެވޯޑްސް" ގެ ނަމުގައި މުޅިން އާ އެވޯޑެއް ތައާރަފުކޮށްފިއެވެ. މިއީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ރާއްޖޭގައި ތައާރަފުކުރި ފުރަތަމަ އެވޯޑެވެ.

އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި މި އެވޯޑުގެ މައިގަނޑު މަގުސަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޕާޓްނަރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމެވެ. ޚާއްސަކޮށް ދަތުރުފަތުރުގެ ގުޅުންތައް ބަދަހިކުރުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދިވެހިރާއްޖެއަކީ ދަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް އެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމަކީ މި އެވޯޑުގެ އަމާޒެވެ. މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރަކު އެއްފަހަރުއެވެ.

މި އަހަރުގެ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ތިން ދާއިރާއަކުންނެވެ. އެއީ ޕަސެންޖަރ އެވޯޑްސް، ކާގޯ އެވޯޑްސް އަދި ލައުންޖް އެވޯޑްސްއެވެ. މި ކެޓަގަރީތަކުން ޖުމްލަ 22 އެވޯޑެއް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން "އަހަރުގެ އެއާލައިން" ހޮވައި، އެކަމަށް ޚާއްސަ އެވޯޑެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

"ވެލާނާ އެވޯޑްސް" ދިނުމުގެ ފުރަތަމަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ ރޭ، ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.