ދިވެހިރާއްޖޭގެ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން، ސީރިއާގައި ވެރިކަންކުރާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) އުނިކޮށް، ދިވެހިން ސީރިއާއަށް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ގައުމީ ސަލާމަތީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވި އައު ލިސްޓުގައެވެ.
އެޗްޓީއެސް އަކީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ރާއްޖޭގެ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުގައި ހިމެނޭ ޖަމާއަތެކެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނެރުނު ލިސްޓުގައި ވެސް އެ ޖަމާއަތް ހިމެނިފައި އޮތެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި އައު ލިސްޓުން އެ ޖަމާއަތް ވަނީ އުނިކޮށްފައެވެ. މިއާއެކު، ސީރިއާއަކީ ދިވެހިން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް އޮތުން ވެސް ވަނީ ބަދަލުވެފައެވެ.
މި ބަދަލާއެކު، ދިވެހި ސަރުކާރުން ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ 19 ގްރޫޕެކެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ލިސްޓުގައި ހިމެނޭ ޖަމާއަތަކަށް ތާއީދުކުރުމާއި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަކީ ބޮޑެތި ޖަލު ހުކުމް އަންނަ ކުށެކެވެ. ނަމަވެސް މިހާރު ލިސްޓުން އުނިކުރުމުން އެ ހުރަސްތައް ވަނީ ނެތިގޮސްފައެވެ.
