ދުނިޔެއަށް ކުރިމަތިވި ބޮޑެތި ބަލިމަޑުކަންތަކުގެ ތެރެއިން ކޮވިޑް-19 އާއި 2009 ވަނަ އަހަރުގެ އެޗް1އެން1 އަކީ އިންސާނީ ތާރީޚުގައި ފާހަގަކޮށްލެވޭ ދެ ބަލިމަޑުކަމެކެވެ. ކޮލަމްބިއާ ޔުނިވަރސިޓީގެ މެއިލްމަން ސްކޫލް އޮފް ޕަބްލިކް ހެލްތުން ދާދިފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި، މި ދެ ބަލިވެސް އެމެރިކާގެ ސިޓީތަކުގައި ފެތުރިގެންދިޔައީ ހީކުރި ވަރަށްވުރެ މާ ހަލުވިކޮށެވެ.
މި ދިރާސާގައި ބޭނުންކުރި އާ ސިމިއުލޭޝަންތަކުން ހާމަވާގޮތުގައި، މި ދެ ވައިރަސްވެސް އެމެރިކާގެ އެކި ސިޓީތަކަށް ފެތުރިގަތީ އެންމެ މަދު ހަފްތާތަކެއްގެ ތެރޭގައެވެ. އެންމެ ނުރައްކާތެރި ކަމަކީ، ސިއްހީ މާހިރުންނާއި ކަމާބެހޭ އިދާރާތަކަށް މި ބަލިތައް ފެތުރެމުންދާކަން ރަސްމީކޮށް އިނގުމުގެ މާ ކުރިން، ބަލިމަޑުކަން މުޅި ގައުމަށް ފެތުރި ނިމިފައިވުމެވެ. މިއީ ބަލި ކޮންޓްރޯލް ކުރުމުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.
ބަލިމަޑުކަން ފެތުރުމުގައި ދަތުރުފަތުރުގެ ނިޒާމު އަދާކުރި ދައުރަށް ބަލާއިރު، ދުވަހުން ދުވަހަށް ވަޒީފާއަށް ދިއުމަށް ކުރާ ކޮމިއުޓިން ދަތުރުތަކަށްވުރެ، ވައިގެ ދަތުރުފަތުރުގެ ދައުރު މާ ބޮޑެވެ. ބޮޑެތި ވައިގެ ބަނދަރުތައް ހުންނަ ސިޓީތައް މެދުވެރިކޮށް ބަލި މުޅި ގައުމަށް ފެތުރިގެން ދިޔައެވެ. މި ސިޓީތަކަކީ ދަތުރުފަތުރުގެ މައި ހަބުތަކަށް ވުމުން، އެއް ސިޓީން އަނެއް ސިޓީއަށް ބަލި ބްްރިޖް ކޮށްދިނުމުގައި މި ތަންތަން މުހިންމު ދައުރެއް އަދާކުރިއެވެ.
މި ދިރާސާއިން ފާހަގަވި އަނެއް ކަމަކީ، ބަލި ފެތުރޭ ގޮތް ކުރިއަށް ލަފާކުރުމަށް ހުރި އުނދަގޫތަކެވެ. ބަލި ފެތުރޭ ގޮތްތައް އެކި ފަހަރު ބަދަލުވަމުންދާތީ، ރިއަލް-ޓައިމްކޮށް ބަލި ފެތުރޭނެ މިސްރާބު ދެނެގަތުމަކީ ސައިންސްވެރިންނަށް ކުރިމަތިވި ވަރަށް ބޮޑު ތަކްލީފެކެވެ. ބަލި ފެތުރުމުގެ އުސޫލުތައް އަންދާޒާކުރަން އުނދަގޫވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ލަސްތަކެއް ކުރިމަތިވިއެވެ.
މި ދިރާސާއިން ދޭ އެންމެ މުހިންމު މެސެޖަކީ ބަލިތައް ކުރިއާލާ ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް އޮތުމުގެ މުހިންމުކަމެވެ. ކުރިމަގުގައި އަތުވެދާނެ ބަލިމަޑުކަމަކުން ސަލާމަތްވުމަށްޓަކައި، ބަލި ފެތުރެން ފަށާ ދަނޑިވަޅުގައި އެކަން ދެނެގަނެވިއްޖެނަމަ، ބަލި ފެތުރޭ ދުވެލި މަޑުޖައްސާލުމަށް ބޮޑު އެހީއަކަށް ވާނެއެވެ. ސިއްހީ ނިޒާމުތައް ހަރުދަނާކޮށް، ޓެކްނޮލޮޖީގެ އެހީގައި ބަލިތައް މޮނިޓަރ ކުރުމަކީ މުޅި އިންސާނިއްޔަތުގެ ސަލާމަތަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026
