ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައާރަފްކުރެއްވި އެމްއެންޑީއެފް އެއާ ކޯގެ ޚިދުމަތާއެކު، ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަންނަ އުޅަނދުތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު (އީއީޒެޑް) ގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ މަސް ބޯޓުތައް އަތުލައިގަތުމަށް ހިންގާ ހުރިހާ އޮޕަރޭޝަނެއްގައި ވެސް ޑްރޯންތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެއާ ކޯގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައްޑޫ ސިޓީ ގަމުގައި ވަނީ ފުރަތަމަ އެއާ ސްޓޭޝަން ގާއިމްކޮށްފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ސްޓޭޝަން މެދުވެރިކޮށް، ރާއްޖޭގެ ދެކުނުން 200 ނޯޓިކަލް މޭލު ބޭރާ ހަމައަށް މިހާރު ކޮންމެ ދުވަހަކުހެން ސަވައިލަންސް އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.

މީގެ އިތުރުން، ރާއްޖޭގެ އުތުރުގައި ޤާއިމުކުރާ އެއާ ސްޓޭޝަންގެ މަސައްކަތް ށ. ފުނަދޫގައި ކުރިއަށްދާ ކަމަށާއި، މި އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ރެޔާއި ދުވާލު 24 ގަޑިއިރު ހުއްޓުމެއްނެތި ރާއްޖޭގެ ވައިގެ ސަރަހައްދާއި ކަނޑުގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމެވެ.