މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވައިލައްވައިފިއެވެ. ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް އާއެކު ރައީސް ވަނީ ސައިޓަށް ވަޑައިގެން މަސައްކަތުގެ ތަފްސީލު އޮޅުންފިލުއްވާފައެވެ.
މި މަޝްރޫއު ހިންގާ އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިގޮތުން މިހާރު މަގުގެ ސަބް-ބޭސް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، މި ހަފުތާގެ ތެރޭގައި 'އޭ.ބީ.ސީ' ފަށަލަ އެޅުމާއި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. އަދި މަގުބައްތިތަކާއި ނިޝާންތައް ހަރުކުރުން ވެސް މި ހަފުތާގައި ކުރިއަށްދާނެއެވެ.
މި މަޝްރޫއު ނިމުމުން ބާޒާރުމަތީ ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް ރައްކާތެރި މަގުތަކަކަށް ވެގެންދާނެއެވެ. މުޅި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް 1,088 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
