އަންހެނުން އުމުރުން ދުވަސްވުމުން ކުރިމަތިވާ އިއްދައިން ވަކިވުމަކީ (މެނޮޕޯސް) ހަމައެކަނި ދަރިމައިވުމުގެ ނިޒާމަށް އަންނަ ބަދަލެއް ނޫންކަން، ކޭމްބްރިޖް ޔުނިވަރސިޓީން ކުރި ފުޅާ ދިރާސާއަކުން މިވަނީ ހާމަވެފައެވެ. މި ދިރާސާއިން ދައްކާގޮތުގައި، އިއްދައިން ވަކިވުމަކީ ސިކުނޑީގެ އޮނިގަނޑަށާއި، ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ބަދަލުތަކެއް އަންނަ މުހިންމު މަރުހަލާއެކެވެ.

މި ދިރާސާގައި ބޭނުންކުރި ސިކުނޑީގެ ސްކޭންތަކުން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، ހަނދާނާއި އިހުސާސްތައް ކޮންޓްރޯލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސިކުނޑީގެ ސަރަހައްދުތަކުން "ގްރޭ މެޓަރ" މަދުވަމުންދާ ކަމެވެ. މިއީ ސިކުނޑީގެ މަސައްކަތްތަކަށް ސީދާ ގޮތުން އަސަރުކުރާނެ ކަމެކެވެ.

ދިރާސާގައި ބައިވެރިވި ގިނަ އަންހެނުން ވަނީ މި ދުވަސްވަރު ނަފްސާނީ ގޮތުން ދަތިތަކަކާ ކުރިމަތިލާންޖެހޭކަން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި، ކަންބޮޑުވުން އިތުރުވުމާއި، މާޔޫސްވުން ނުވަތަ ޑިޕްރެޝަންގެ އަސަރުތައް ފެނުމުގެ އިތުރުން، އިންތިހާއަށް ވަރުބަލިވުމާއި ނިދި މަދުވުމުގެ މައްސަލަތައް ހިމެނެއެވެ.

ހޯރމޯން ތެރަޕީ އާ ގުޅޭގޮތުން މި ދިރާސާގައި ބުނެފައިވަނީ، މި ފަރުވާއަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ކަންކަމަށް އިޖާބަދޭ ދުވެލި (ރިއެކްޝަން ސްޕީޑް) ލަސްވުން ކޮންމެވެސް ވަރަކަށް ކުޑަކޮށްދޭ ކަމެއް ނަމަވެސް، ސިކުނޑީގެ އޮނިގަނޑަށް އަންނަ ބަދަލުތައް އަނބުރާ އިއާދަކޮށްދޭ ފަރުވާއެއް ނޫން ކަމަށެވެ.

ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި، އިއްދައިން ވަކިވުމަކީ އަންހެނެއްގެ ހަޔާތުގައި ސިކުނޑީގެ ދުޅަހެޔޮކަމަށް އަންނަ ވަރަށް މުހިންމު "ޓާނިންގ ޕޮއިންޓް" އެކެވެ. ނުވަތަ ބޮޑު ބަދަލެކެވެ. އެހެންކަމުން، މި މަރުހަލާގައި ސިކުނޑީގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ދިގު މުއްދަތަކަށް، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންތެރި ކަމެކެވެ.

 

ހަވާލާ: ސައިންސް ޑެއިލީ 2026