އިސްލާމީ ތާރީޚަކީ ޢިލްމާއި، ހޯދުންތަކާއި، ފަންނިއްޔާތުން މުއްސަނދިވެފައިވާ ތާރީޚެކެވެ. އިސްލާމީ ރަންޒަމާނުގައި، މީގެ އެތައް ޤަރުނެއް ކުރިން މުސްލިމުން ވަނީ ދުނިޔެއަށް ނަމޫނާ ދައްކައި، ސައިންސާއި ފަލްސަފާގެ ރޮނގުން އިންސާނިއްޔަތަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފައެވެ. ނަމަވެސް، މިއަދުގެ ދުނިޔޭގައި މުސްލިމުންނަކީ ސައިންސާއި ކުރިއެރުމާ ބީރައްޓެހި ބައެއްގެ ގޮތުގައި ސިފަކުރެވެނީ ކީއްވެގެންތޯ މިއީ އުފެދޭ މުހިންމު ސުވާލެކެވެ. މީގެ ޖަވާބު އޮތީ އިސްލާމްދީނުގެ ތަޢުލީމާތުތަކަކު ނޫނެވެ. އޭގެ ބަދަލުގައި، މި ހީނަރުކަމުގެ އަސްލަކީ ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކުން މުސްލިމް މުޖުތަމަޢުތަކުގެ އޮނިގަނޑު މުގުރާލުމުގެ ނަތީޖާއެވެ.
އިސްލާމްދީނަކީ އަބަދުވެސް ޢިލްމު އުނގެނުމަށް ބާރުއަޅާ ދީނެކެވެ. ހިޖުރީ ގޮތުން 8 ވަނަ ޤަރުނުން ފެށިގެން 14 ވަނަ ޤަރުނާ ހަމައަށް، މުސްލިމް މުޖުތަމަޢުތަކަކީ ސައިންސާއި، ބޭސްވެރިކަމާއި، ހިސާބު އިލްމާއި ފަލްސަފާގެ ދުނިޔޭގެ ލީޑަރުންނެވެ. ބަޣުދާދުގެ "ބައިތުލް ޙިކްމާ" އަކީ އޭރުގެ ދުނިޔޭގެ އެންމެ ބޮޑު ތަޢުލީމީ މަރުކަޒެވެ. އިބްނު ސީނާ އާއި އަލް-ޚުވާރިޒްމީ ފަދަ ޢިލްމުވެރިންނަކީ މިއަދުގެ ޒަމާނީ ސައިންސާއި ހިސާބުގެ ބިންގާ އެޅުއްވި ބޭފުޅުންނެވެ. އިސްލާމީ ނަޒަރިއްޔާތުގައި ޢިލްމު ހޯދުމަކީ ހަމައެކަނި ދުނިޔަވީ ކަމެއް ނޫނެވެ. އެއީ މާތް ﷲ ގެ ކުޅަދުންވަންތަކަން ދެނެގަތުމަށްޓަކައި ކުރެވޭ އަޅުކަމެއްގެ ގޮތުގައި ދެކުނު މުސްލިމުން، ދީނާއި ސައިންސް އެކުއެކީގައި ކުރިއަށް ގެންދިޔައެވެ.
މުސްލިމުންގެ ތާރީޚަކީ އިލްމާއި ސައިންސާއި ފަލްސަފާގެ ރަންޒަމާނެއް ދެކެފައިވާ ފަޚުރުވެރި ތާރީޚެކެވެ. ނަމަވެސް، މި އިލްމީ ދަތުރަށް ބޮޑު ހުރަހެއް އެޅި، މުސްލިމުން ފަހަތަށް ޖެހުނީ ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކުގެ ސަބަބުންނެވެ. އިމާމް ޓޮމް ފެޗީނީ ފާހަގަކުރައްވާ ގޮތުގައި، މުސްލިމުންގެ އިލްމީ ހީނަރުކަމަކީ ބައެއް މީހުން ގަބޫލުކުރާ ފަދައިން ދީނަށް އެނބުރުމުގެ ސަބަބުން ނުވަތަ އިސްލާމީ އުޞޫލުތަކުގައި ހިފެހެއްޓުމުގެ ސަބަބުން ދިމާވި ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އިސްތިޢުމާރީ ބާރުތަކުން ރޭވުންތެރިކަމާއެކު މުސްލިމުންގެ އިލްމީ، ސަގާފީ އަދި ޤާނޫނީ ނިޒާމުތައް ފުނޑުފުނޑުކޮށްލުމުގެ ހިތި ނަތީޖާއެވެ. މުސްލިމުންގެ އަމިއްލަވަންތަކަމާއި ފިކުރީ ކުރިއެރުން ހުއްޓުވުމަށްޓަކައި، އިސްތިޢުމާރީން ވަނީ މުސްލިމުންގެ މުޖުތަމަޢުތަކުގެ ބިންގާ ކަމުގައިވާ އިސްލާމީ ޝަރީޢަތާއި ޒަމާންވީ އިލްމީ އޮނިގަނޑުތަކަށް ސީދާ ގޮތުން ހަމަލާދީ، އެ ނިޒާމުތައް މުޖުތަމަޢުން އެކަހެރިކޮށްފައެވެ.
މި ނުރައްކާތެރި ރޭވުމުގެ ދަށުން، އިސްތިޢުމާރީ ބާރުތަކުން ވަނީ މުސްލިމުންގެ އަމިއްލަ ތަޢުލީމީ މަރުކަޒުތަކާއި މަދަރުސާތައް ގަސްތުގައި ބަންދުކޮށް، އެ ތަންތަނުގެ ބަދަލުގައި ހުޅަނގުގެ މޮޑެލްތަކަށް ބިނާކޮށްފައިވާ ތަޢުލީމީ ނިޒާމުތަކެއް ތަޢާރަފުކޮށްފައެވެ. މި ބަދަލުގެ އަސްލު ބޭނުމަކީ މުސްލިމުންގެ ފިކުރީ މިނިވަންކަން ނައްތާލައި، އިސްތިޢުމާރީ ބާރުތަކަށް ޚިދުމަތްކުރާނޭ، އަދި އެމީހުންގެ ފިކުރަށް ތަބާވާނޭ މުޖުތަމަޢެއް ބިނާކުރުމެވެ. މިގޮތުން ތަޢާރަފުކުރެވުނު އާ ނިޒާމުގެ ސަބަބުން މުސްލިމުންގެ ތަޢުލީމީ ފެންވަރު ދަށަށް ގޮސް، އަމިއްލަ އުފެއްދުންތެރިކަމާއި އިޖުތިހާދު ކުރުމުގެ ބާރު ކެނޑިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން، މުސްލިމުންގެ އިލްމީ ދަތުރުގެ މިސްރާބު ބަދަލުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބަދަލުގައި، ހުޅަނގުގެ ފިކުރީ އަޅުވެތިކަމެއްގެ ތެރެއަށް މުޅި އުންމަތް ވައްޓާލެވުނެވެ. މިއީ މިއަދާ ހަމައަށްވެސް މުސްލިމުންގެ އިލްމީ ކުރިއެރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
މި އިސްތިޢުމާރީ ރޭވުންތަކުގެ ނަތީޖާއެއްގެ ގޮތުން، އިސްލާމީ އުޞޫލުތަކާއި ސައިންސާ ދެމެދު އޮތް ތާރީޚީ ގުޅުން ކެނޑިގެން ދިޔައެވެ. ހުޅަނގުގެ ބާރުތަކުން ފެތުރި ޕްރޮޕެގަންޑާގެ ސަބަބުން، މުސްލިމުންނަކީ "ފަހަތުފަޔަށް ބުރަވެފައިވާ" ނުވަތަ ސައިންސާއި ތަޢުލީމީ ކުރިއެރުމާ ދެކޮޅު ބައެއްގެ ގޮތުގައި ދުނިޔެއަށް ދެއްކިއެވެ. މިއީ މިއަދާ ހަމައަށްވެސް ހުޅަނގުގެ މީޑިއާތަކުން ނުބައި ނިޔަތެއްގައި ދަމަހައްޓަމުން އަންނަ ތަޞައްވުރެކެވެ. މިކަމުގެ ސަބަބުން އިސްލާމީ ރަންޒަމާނުގައި މުސްލިމް ޢިލްމުވެރިން ސައިންސާއި ފަލަކީ ޢިލްމުގެ ދާއިރާއިން ހޯދާފައިވާ މަތިވެރި ކާމިޔާބީތަކުގެ ހަޤީޤަތް އޮޅި، މުސްލިމުންނަކީ ހަމައެކަނި ރޫޙާނީ ކަންކަމަށް ހުސްވެފައިވާ ބައެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
މި ނުބައި ތަޞައްވުރުގެ ސަބަބުން މިއަދު މުސްލިމް އުއްމަތަށް ވަނީ ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އޭގެ ތެރޭގައި އިޤްތިޞާދީ ގޮތުންނާއި ތަޢުލީމީ ގޮތުން އެހެން ބައެއްގެ މައްޗަށް ބަރޯސާވާން ޖެހުމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުން ހިމެނެއެވެ. އަމިއްލަ އުފެއްދުންތެރިކަމާއި އިލްމީ ދިރާސާތަކަށްވުރެ ބޮޑަށް، ހުޅަނގުގެ އުފެއްދުންތަކަށް ބަރޯސާވުމުގެ ސަބަބުން އިސްލާމީ ޤައުމުތަކުގެ ކުރިއެރުން ވަނީ މަޑުޖެހިފައެވެ. އެހެންކަމުން، މިއަދު މުސްލިމުންނަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ އިސްލާމީ އުޞޫލުތަކުގެ ތެރެއިން ސައިންސާއި މޮޅު ތަޢުލީމު ހޯދައި، އަމިއްލަ ފައިމައްޗަށް ތެދުވެ، ގެއްލިފައިވާ އިތުބާރު އަލުން ހޯދުމެވެ.
މިއަދު މުސްލިމުންގެ މި ގެއްލިފައިވާ މަޤާމު އަލުން ހޯދުމަށްޓަކައި، އިސްތިޢުމާރީ ފިކުރުތަކުން މުޖުތަމަޢު ސަލާމަތްކުރަން ޖެހެއެވެ. އިމާމް ޓޮމް ބާރުއަޅުއްވަނީ އިސްލާމީ އަޤީދާއާއި ޢިލްމީ ހޯދުންތަކާ ދެމެދު އޮތް ވަރުގަދަ ގުޅުން އަލުން އާލާކުރުމަށެވެ. މުސްލިމް މުޖުތަމަޢުތަކުން ތަޢުލީމާއި، ޤާނޫނާއި، ވެރިކަމުގެ ނިޒާމުތަކުގައި އަމިއްލަވަންތަކަން ހޯދައި، ހުޅަނގުން ކުރަހާފައިވާ ނުބައި ތަޞައްވުރުތަކުން ބޭރުވާން ޖެހެއެވެ.
އިސްލާމީ ތާރީޚަކީ ސައިންސާއި އިލްމުގެ އަލިގަދަ ދަންމަރެކެވެ. އެ ދަންމަރު ފަނޑުވެގެން ދިޔައީ އިސްތިޢުމާރީ ބާރުތަކުން އެ ދަންމަރު ނިއްވާލަން ކުރި މަސައްކަތުންނެވެ. މިއަދު އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކީ، ދީނީ އަގުތަކުގެ ތެރެއިން ސައިންސާއި ފަންނިއްޔާތުގެ އައު އުސްމިންތަކަކަށް ވާޞިލުވެ، އިސްލާމީ ތަމައްދުނުގެ ރަންޒަމާން އަލުން އަނބުރާ ގެނައުމެވެ.
ހަވާލާ: އަލްޔަޤީން އިންސްޓިޓިއުޓް (2025) - އިމާމް ޓޮމް - "ހައު ކޮލޮނަލިޒަމް ހައިޖެކްސް ދަ މުސްލިމް ވޯރލްޑް"
