ޕާކިންސަން ބައްޔަކީ އިންސާނާގެ ނާރުތަކުގެ ނިޒާމަށް ޖެހޭ ބަލިތަކުގެ ތެރެއިން ދުނިޔޭގައި އެންމެ އާންމު އެއް ބައްޔެވެ. މި ބަލި އުފެދުމުގެ އަސްލާ ގުޅޭގޮތުން ސައިންސްވެރިން ކުރަމުންދިޔަ ދިގު ދިރާސާތަކަށް މިވަނީ ވަރަށް މުހިންމު ކުރިއެރުމެއް ލިބިފައެވެ.

އެމެރިކާގެ ވޮޝިންގްޓަން ޔުނިވަރސިޓީ އިން ސެއިންޓް ލޫއީސްގައި ކުރި ބައިނަލްއަގުވާމީ އާ ދިރާސާއަކުން ދައްކާގޮތުގައި، މި ބަލި އުފެދުމުގެ އަސްލަކީ ސިކުނޑީގައިވާ ވަކި ޚާއްޞަ ނެޓްވޯކެކެވެ.

މި ދިރާސާގައި ސައިންސްވެރިން ހޯދި ގޮތުގައި، ޕާކިންސަން ބަލި ޖެހުމުން ސިކުނޑީގެ މި ނެޓްވޯކުގެ ގުޅުންތައް އާދަޔާ ޚިލާފަށް ބަދަހިވެގެންދެއެވެ. މިގޮތަށް ގުޅުންތައް މާބޮޑަށް ވަރުގަދަވުމުގެ ނަތީޖާއެއްގެ ގޮތުން، ސިކުނޑިން ފޮނުވާ ސިގްނަލްތަކަށް ބުރޫއަރައި، ހަށިގަނޑުގެ އާންމު މަސައްކަތްތައް އޮޅުންބޮޅުންވެގެން ދެއެވެ. މިއީ މި ބަލީގެ އަލާމާތްތައް ފެންނަން މެދުވެރިވާ މައިގަނޑު ސަބަބު ކަމުގައި މިހާރު ވަނީ ބެލެވިފައެވެ.

މި ނެޓްވޯކަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަމައެކަނި މީހާގެ ހަރަކާތްތެރިވުމަށް ނޭދެވޭ އަސަރު ކުރަނީއެއް ނޫނެވެ. އޭގެ ބަދަލުގައި، ބަލިމީހާގެ ވިސްނުމުގެ ފެންވަރަށާއި އަދި ހަށިގަނޑުގެ އެހެނިހެން މުހިންމު ނިޒާމުތަކުގެ މަސައްކަތަށް ވެސް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. މިއީ ޕާކިންސަން ބަލީގެ މީހުންނަށް ކުރިމަތިވާ ތަފާތު ސިއްހީ މައްސަލަތައް އެއް ނެޓްވޯކަކާ ގުޅިފައިވާކަން ހާމަވެގެންދިޔަ މުހިންމު ހޯދުމެކެވެ.

ސައިންސްވެރިންގެ މި ހޯދުމުގެ އެންމެ އުންމީދީ ބަޔަކީ، މި ވަކި ނެޓްވޯކަށް އަމާޒުކޮށްގެން ދޭ ފަރުވާގެ ކާމިޔާބީއެވެ. "ނޮން-އިންވޭސިވް" ބްރެއިން ސްޓިމިއުލޭޝަން ނުވަތަ އޮޕަރޭޝަނެއް ކުރުމަކާ ނުލައި ސިކުނޑިއަށް ބޭރުން ދޭ ސިގްނަލްތަކެއް ބޭނުންކޮށްގެން ދިން ފަރުވާގެ ސަބަބުން، ބަލިމީހުންގެ ފަރާތުން ފެންނަ އަލާމާތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. މި ފަރުވާގެ ނަތީޖާ، މިހާރު އާންމުކޮށް ދެވޭ ފަރުވާތަކަށްވުރެ މާ ބޮޑަށް ވެސް ރަނގަޅުކަން މި ދިރާސާއިން ވަނީ ސާބިތުވެފައެވެ.

ޖުމުލަކޮށް ބަލާއިރު، މި އާ ހޯދުމުގެ ސަބަބުން ޕާކިންސަން ބަލި ދެނެގަތުމަށާއި އެ ބައްޔަށް ފަރުވާ ދިނުމުގައި ޒަމާނުއްސުރެ ގެންގުޅޭ އުސޫލުތަކަށް ބޮޑު ބަދަލެއް އަންނާނެއެވެ. ސިކުނޑީގެ އެ ނެޓްވޯކަކީ ބަލީގެ މައިގަނޑު އަސްލުކަން އެނގުމުން، ކުރިއަށް އޮތް ތަނުގައި މި ބައްޔަށް އިތުރަށް މާ ފުރިހަމަ އަދި އަވަސް ފަރުވާތަކެއް ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލި ތަހައްމަލު ކުރަމުންދާ އެތައް މިލިއަން ބަޔަކަށް ލިބިގެންދިޔަ އާ އުންމީދެކެވެ.

 

ހަވާލާ: ސައިންސް ޑެއިލީ 2026