ޕާކިސްތާނުގައި ބޭއްވި 9 ވަނަ "އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026" ގައި ބައިވެރިވެ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޓީމުން ރަން މެޑަލް ހާސިލުކޮށް، ރާއްޖެއަށް ރީތި ނަން ހޯދައިދީފިއެވެ.

މި ފެބްރުއަރީ މަހުގެ 5 އިން 7 އަށް ޕާކިސްތާނުގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ކުރިއަށްދިޔަ މި މުބާރާތުގައި ދުނިޔޭގެ 16 ގައުމަކުން 24 ޓީމު ބައިވެރިވިއެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ 15 ސިފައިން ހިމެނޭ ޓީމެކެވެ. މިއީ އަސްކަރީ އުކުޅުތަކާއި ހުނަރުވެރިކަން ދައްކުވައިދޭ މަތީ ފަންތީގެ މުބާރާތެކެވެ.

މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ދެއްވާ ޚާއްޞަ ސަމާލުކަމާއި އިރުޝާދުގެ ދަށުން ސިފައިން ހޯދި ކާމިޔާބީއެއް ކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ.