މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމު ފުޅާކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި އަމިއްލަ ފަރާތްތަކަށް (ޕްރައިވެޓް ސެކްޓަރަށް) އެ ފުރުސަތު ހުޅުވާލައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ފައިސާ ދައްކައިގެން ނަމަވެސް އެންމެ މަތީ ފެންވަރުގެ ނުވަތަ "ކޮލިޓީ" ފަރުވާ ހޯދަން ބޭނުންވާ ފަރާތްތައް ރާއްޖޭގައި އެބަތިބި ކަމަށެވެ. ނަމަވެސް، ސަރުކާރުގެ މިހާރުގެ އިންފްރާސްޓްރަކްޗަރ ހުރި ގޮތުން އެ ފެންވަރުގެ "ހައި އެންޑް" ޚިދުމަތް ދައުލަތަށް އަދި ފޯރުކޮށްނުދެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އަމިއްލަ ކުންފުނިތަކަށާއި ބޭރުގެ ފަރާތްތަކަށް ވެސް ރާއްޖެ އައިސް މި ޚިދުމަތް ދިނުމުގެ ފުރުސަތު މި އަހަރު ހުޅުވާލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލެއިން އެންޑީއޭއަށް ލިބިފައިވާ ބިމުގެ މަސައްކަތާއި، "ގްރީން" ގެ ތަރައްގީގެ މަސައްކަތް ވެސް މި އަހަރު ފެށިގެންދާނެއެވެ.

ސަރުކާރުގެ އަމާޒަކީ ދީނީ ފަރުވާ ވެސް ހިމެނޭހެން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފުރިހަމަ ރިހެބިލިޓޭޝަން ދީ، މުޖުތަމައަށް ނެރުމެވެ. ހަމައެއާއެކު، ގާނޫނީ ގޮތުން ވެސް ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅާފައެވެ. އޭގެ ތެރޭގައި ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާއި، ޑްރަގް މައްސަލަތަކުގައި ޖަލަށްލާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ މައާފު ނުދެއްވުން ހިމެނެއެވެ.