ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ހިމެނޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި ބިލު ފާސްވީ ޖަލްސާގައި ބައިވެރިވި 72 މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.

މި އިސްލާހުގެ ދަށުން ދެން ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ބާއްވާނީ އެކުއެކީގައެވެ. މި ބަދަލާއެކު މަޖިލީހުގެ އުމުރު ގުނާ އުސޫލަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ބިލުގައިވާ ގޮތުން މަޖިލީހުގެ ދައުރަކީ ކޮންމެ 5 އަހަރަކުން ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހިނގާ މުއްދަތެކެވެ. އަދި އައު މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނީ ވެސް ޑިސެމްބަރު މަހުގެ އެ ތާރީޚުގައެވެ.

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028 އަށް ހަމަވާނެ ކަމަށް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ އެކު މަޖިލިސް އިންތިޚާބު ބޭއްވުމަށްފަހު، 2028 ވަނަ އަހަރުގެ ޑިސެމްބަރު 1 ގައި އައު މަޖިލީހުގެ މަސައްކަތްތައް ފެށިގެންދާނެއެވެ. މިއީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި އިންތިޚާބީ ނިޒާމަށް ގެނެވުނު މުހިންމު ބަދަލެއްގެ ގޮތުގައި މަޖިލީހުން ފާހަގަކުރެއެވެ.