މިއަހަރުގެ ރޯދަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު އިހްޔާ ފޯރަމްތައް ރާއްޖޭގެ 10 ރަށެއްގައި ބޭއްވުމަށް ނިންމައި އެ ރަށްތައް އިއުލާންކޮށްފިއެވެ. މި ރަށްތައް ފައިނަލްކޮށްފައިވަނީ ކައުންސިލްތަކުން ހުށަހެޅި ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.
އިހްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ތިނަދޫ ސިޓީ، ތ. ދިޔަމިގިލި، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫއެވެ. މި ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރޯދަ މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުމެވެ.
މި ސިލްސިލާ ފޯރަމްތައް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވާ ހުކުރު ދުވަހު ތ. ދިޔަމިގިލީގައެވެ. މީގެ އިތުރުން، މިއަހަރުގެ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން، ހޮވޭ ނަސީބުވެރިންނަށް އަގުހުރި ހާއްސަ އިނާމުތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްތަކުގައި ދީނީ އިލްމުވެރިން ތަފާތު މައުޟޫއުތަކަށް މައުލޫމާތު ދެއްވާނެއެވެ.
