ފިލިޕީންސްގައި ކޮވިޑް19 ވެކްސިން ޖަހަން ބާރު އެޅުމުގެ ގޮތުން ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ޖަލަށްލާނެ ކަމުގެ އިންޒާރު އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ދެއްވައިފިއެވެ.
އެގައުމުން ޑެލްޓާ ވޭރިއަންޓް ވަނީ ފެނިފައެވެ. އޭގެ ސަބަބުން އެ ގައުމުގައިވެސް ކޮވިޑު ޖެހޭ މީހުންގެ އަދަދު މި ފަހުން ވަނީ އިތުރުވެފައެވެ. މި ވޭރިއަންޓަކީ މިހާރު ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ފެތުރެމުން އަންނަ ނުރައްކާތެރި ވޭރިއަންޓެކެވެ.
ފިލިޕީންސްގެ ރައީސް ވިދާޅުވީ ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ. އަދި އޭނާ ވަނީ، ވެކްސިން ޖަހާނީތޯ ނުވަތަ ޖަލަށް ދާނީތޯ ސުވާލު އުފައްދާފައެވެ.
ފިލިޕީންސްގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ މާޗް މަހުއެވެ. ވެކްސިން ކޭމްޕުތަކަށް ވެކްސިން ޖަަހަން ދާ މީހުންވެސް މަދު ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލިޕީންސްގެ ރައީސް ވިދާޅުވީ އެގައުމުގެ މީހުން ބޯހަރު ކަމަށާއި، ވެކްސިން ޖަހަން ޖެހެނީ ގަދަބާރުން ކަމަށެވެ.
އޭނާ ވަނީ މީގެ ކުރިން ގައުމު ފުރަބަންދުކޮށް، ގަވާއިދާ ހިލާފަ ބޭރުގައި އުޅޭ މީހުން ބޮލަށް ބަޑި ޖަހާނެ ކަމަށް ވެސް ބުނެ އިންޒާރު ދީފައެވެ. އަދި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ނުކުރި މީހަކަށް އަދަބުދީ، އޭނާ މަރާލައިފައިވެސްވެއެވެ.
ވެކްސިން ނުޖަހާ އުޅެން ބޭނުންވާ މީހުންނަށް ފިލިޕީންސްގައި ޖާގަ ނެތް ކަމަށާއި، ވެކްސިން ނުޖަހާނަމަ އިންޑިއާ ފަދަ ގައުމަކަށް ހިޖުރަ ކުރުމަށް ޑުޓާޓެ ވަނީ ގޮވާލައިފައެވެ.
ގާތްގަނޑަކަށް 110 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެގައުމުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ އާބާދީގެ 1.95 އިންސައްތަ މީހުންނެވެ. އަދި 6.2 މިލިއަން މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، 2.15 މިލިއަން މީހުން ވަނީ ވެކްްސިން ފުރިހަމަ ކޮށްފައެވެ.
