ދުނިޔެއާ މެދު ވިސްނާލާއިރު، މި ހުރިހާ ކަމެއް މިދަނީ އެންމެ ރަނގަޅަށް ބަލަހައްޓައިގެން ބާވައޭ ހިތަށް އަރާފާނެއެވެ. ނަމަވެސް ހަގީގަތަކީ ކައުނަކީ އަހަރެމެން ހީކުރާހާ އަމާން، އޮމާން ތަނެއް ނޫންކަމެވެ. އެއީ ހަލަބޮލިކަމާއި، ގަޑުބަޑުން ފުރިގެންވާ ތަނެކެވެ. އެކަމަކު ހައިރާންވާންޖެހޭ ކަމަކީ، މި ހުރިހާ ހަލަބޮލިކަމެއްގެ ތެރެއިން ވެސް ހުރިހާ ކަމެއް ތަރުތީބުން ހިނގަމުންދާ ކަމެވެ.
ފަޒާ ނުވަތަ ޖައްވަކީ ހިމޭން ތަނެކެވެ. އެކަމަކު އެއީ އެތަނުގެ އަމާންކަމުންވާ ކަމެއް ނޫނެވެ. ފިޒިކްސްގެ ހަމަތަކުން ބަލާއިރު، ޖައްވުގައި ވައި ނެތުމުގެ ސަބަބުން އަޑު ދަތުރެއް ނުކުރެއެވެ. އެހެންކަމުން، އެތަނުގައި ކިތަންމެ ބާރަކަށް ހަޅޭލެވިޔަސް އެއްވެސް އަޑެއް ނީވޭނެއެވެ. މީގެ އިތުރުން، ކައުނުގެ ފިނިހޫނުމިނަކީ ވެސް އާދަޔާ ހިލާފު ކަމެކެވެ. ކައުނުގެ އެވްރެޖް ފިނިހޫނުމިނަކީ މައިނަސް 270 ޑިގްރީ ސެލްސިއަސްއެވެ. މިއީ މުޅި ކައުނަކީ ތަރިތަކުން ފުރިފައިވާ ބޮޑު ފްރީޒަރެއް ފަދަ ތަނެއްގެ ގޮތުގައި ސިފަކުރެވޭ ކަމެކެވެ.
އަހަރެމެންނަށް ފެންނަ ތަރިތަކަކީ އަމާންކަމާއެކު ދިއްލިފައި ހުންނަ އެއްޗިއްސެއް ނޫނެވެ. ކޮންމެ ތަރިއެއްގެ އެތެރޭގައި ވެސް ކޮންމެ ސިކުންތަކު ދަނީ ނިއުކްލިއަރ ގޮވުންތައް ގޮވަމުންނެވެ. ތަރިތައް އެ ދިއްލެނީ އެތެރޭގައި ހުންނަ ބޮޑު ފިއްތުންތަކާއި ހޫނުގެ ސަބަބުންނެވެ. ހަމައެފަދައިން، ގްރަހަަކަށް ބަލާއިރު ބިންމަތީގައި އަހަރެމެން ހަމަހިމޭނުން ތިބި ނަމަވެސް، ދުނިޔެ ދަނީ ގަޑިއަކު 1,670 ކިލޯމީޓަރުގެ ބާރުމިނުގައި އެނބުރެމުންނެވެ. އަދި އިރުގެ ވަށައިގެން ގަޑިއަކު 107,000 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރެއެވެ. މިއީ ވަރަށް ބާރު ދުވެއްޔެއް ނަމަވެސް، އަހަރެމެންނަށް މިކަމެއް އިހުސާސެއް ނުކުރެވެއެވެ.
ކައުނުގެ އެންމެ ބިރުވެރި އެއް ކަމަކީ 'ބްލެކް ހޯލް' އެކެވެ. މީގެ ބާރުގަދަ ކަމުން އަލިކަމަށް ވެސް މީގެ ތެރެއިން ސަލާމަތެއް ނުވެވެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި، އެއްޗެއް ބްލެކް ހޯލަކާ މާ ކައިރިވެއްޖެނަމަ، އޭގެ ދަމާބާރުގެ ސަބަބުން އެ އެއްޗެއް ދެމިގެންދާނެއެވެ. މިކަމަށް ސައިންސްވެރިން ކިޔާ ނަމަކީ 'ސްޕެގެޓިފިކޭޝަން' އެވެ.
ހަމައެއާއެކު، ފަޒާގެ ތެރޭގައި އާދަޔާ ހިލާފު އެތައް ކަމެއް ހިނގަމުންދެއެވެ. ބައެއް ތަންތަނުގައި ބޮޑެތި އަލްކަހޯލް ކްލައުޑްތައް ހުންނައިރު، އަނެއްބައި ތަރިތަކަކީ މުޅިން އަލިމަހުން (ޑައިމަންޑް) އުފެދިފައިވާ ތަރިތަކެވެ. އަދި ހަނދު ކޮންމެ އަހަރަކު ދުނިޔެއާ 3.8 ސެންޓިމީޓަރު ދުރަށް ދަނީ ޖެހެމުންނެވެ.
މި ހުރިހާ ހަލަބޮލިކަމަކާއި، ގޮވުންތަކާއި، އަދި އާދަޔާ ހިލާފު ކަންތައްތަކެއް ކައުނުގައި ހިނގަމުންދާއިރު ވެސް، ހުރިހާ ކަމެއް ފިޒިކްސްގެ ގާނޫނުތަކުގެ ތެރެއިން ފުރިހަމައަށް ހިނގަމުންދެއެވެ. އެހެންކަމުން، ދިރިއުޅުމުގައި ކިތަންމެ ބޮޑު ގަޑުބަޑެއް ދިމާވި ނަމަވެސް، މި ބޮޑު ކައުނުގެ ތެރޭގައި ހުރިހާ ކަމެއް ހަމައަކަށް އެޅޭ ފަދައިން، އަހަރެމެންގެ ކަންކަން ވެސް ހަމައަކަށް އެޅިގެންދާނެކަން ޔަގީނެވެ.
