ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ "ވިޒިޓް މޯލްޑިވްސް އިޔާ 2027" ގެ ބްރޭންޑިންގެ މަސައްކަތްކުރާނެ ބަޔަކު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ. މި މަޝްރޫއުގެ މައިގަނޑު އެއް ބޭނުމަކީ ރާއްޖޭގެ ރަށްތަކާ ގުޅިފައިވާ ހާއްސަ ވާހަކަތައް ދުނިޔެއަށް ކިޔައިދީ، ޓޫރިޒަމްގެ ތަޖުރިބާ މުއްސަނދިކުރުމެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ބީލަން ހުށަހަޅަން ޖެހޭނީ މި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން މިނިސްޓްރީގެ ރިސެޕްޝަނަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ހަމަ އެ ދުވަހު ހެނދުނު 10:35 ގައި ޓޫރިޒަމް މިނިސްޓްރީގެ އިދާރާގައެވެ.
އަންނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 55 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރާ އަހަރު ކަމަށް ވުމާއެކު، "ވިޒިޓް މޯލްޑިވްސް އިޔާ 2027" ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ދިވެހިންގެ ސަގާފަތަށް އިސްކަންދީގެންނެވެ. އޭގެ ތެރޭގައި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ކެއްކުންތަކާއި އަދި ކާބަފައިންގެ ޒަމާނުއްސުރެ ދެކެވެމުން އަންނަ ވާހަކަތައް ކުރިއަށް ނެރުން ހިމެނެއެވެ. އަދި ރާއްޖޭގެ އެކި ރަށްރަށް ހާއްސަވާ ސަބަބުތައް ވެސް މި ކެމްޕެއިންގެ ތެރެއިން ޓޫރިސްޓުންނަށް އަންގައިދޭނެއެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 2.2 މިލިޔަން ޓޫރިސްޓުންނެވެ. އަދި ޓޫރިޒަމުން ލިބުނު އާމްދަނީ 5.5 ބިލިއަން ޑޮލަރަށް އަރައި، ރެކޯޑު އާމްދަނީއެއް ވަނީ ލިބިފައެވެ.
