ދުނިޔޭގެ އެކި ގައުމުތަކުގައި ކުރެވޭ އެކި އެކި ހަނގުރާމަތަކުގައި 8،500 ކުޑަކުދިން ބައިވެރިކޮށްފައިވާ ކަމަށް އ.ދ އިން ބުނެފިއެވެ.

އ.ދ އިން ބުނީ އޭގެ ތެރެއިން ގާތްގަނޑަކަށް 2،700 ކުދިން ހަނގުރާމަތަކުގައި މަރުވެފައިވާ ކަމަށް، ރިޕޯޓުތަކުން ދައްކާ ކަމަށެވެ.

އ.ދ ގެ ޗީފް އެންޓޯނިއޯ ގޫޓެރެސް ނެރުނު އަހަރީ ރިޕޯޓުގައި ކުޑަކުދިން ހަނގުރާމައިގެ މައިދާނުގައި ބައިވެރިވުމާއި، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވުމާއި، މަސައްކަތުގެ މާހައުލަށް ނިކުންނަން މަޖުބޫރުވުމުގެ އިތުރުން ސިއްހީ އެހީތެރިކަމާއި އިލްމު އުނގެނުމުން މަހްރޫމުވެފައިވާ ކުދިންނަށް އަލިއަޅުވާލައިފައިވެއެވެ.

މިދިޔަ އަހަރު 8521 ކުދިން ހަނގުރާމަތަކުގައި ބައިވެރިވެފައިވާއިރު، 2674 ކުދިން ހަނގުރާމައިގެ މައިދާނުގައި މަރުވެފައިވެއެވެ. އަދި އޭގެ އިތުރުން 5748 ކުދިންނަށް ހަނގުރާމައިގެ ތެރެއިން އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުޑަކުދިންނަށް ހިމާޔާތް ހޯދައިދިނުމަށް އ.ދ އަދި ހައްގުތައް ހޯދަން ވަކާލާތު ކުރާ އެހެނިހެން ޖަމިއްޔާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި އަހަރު ނެރުނު ރިޕޯޓުގައި، މަސައްކަތުގެ މާހައުލަށް ނިކުންނަން މަޖުބޫރުވެފައިވާ ކުޑަކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށް ފާހަގަ ކޮށްފައި ވެއެވެ.

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރާނެކަމަށް އ.ދ އިން ވަނީ ބުނެފައެވެ. ނަމަވެސް އ.ދ ގެ އިންސާނީ ހައްގުތަކާއި މެދު ހިތްހަމަނުޖެހޭ ގައުމުތައް މަދެއް ނޫނެވެ.