ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން ރާޖްޕާލް ޔާދަވް ޖަލަށް ލުމަށް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އިންޑިއާގެ ފިލްމީ ދާއިރާގައި ބޮޑު ހަބަރަކަށް ވެއްޖެއެވެ. ފައިސާގެ މުއާމަލާތަކާ ގުޅުންހުރި މައްސަލައެއްގައި އޭނާ ހައްޔަރުކުރުމަށް އަމުރު ނެރުނު ވަގުތު، އޭނާ ސަލާމަތްކުރުމަށްޓަކައި ބޮލީވުޑްގެ ނުފޫޒުގަދަ އެކްޓަރެއް ވަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާފައެވެ.
ރިޕޯޓުތައް ބުނާގޮތުން މި މައްސަލައަކީ މީގެ އަހަރުތަކެއް ކުރިން އޭނާ ނަގާފައިވާ ލޯނަކާ ގުޅުންހުރި މައްސަލައެކެވެ. ދަރަނި އަދާކުރުމަށް ދިން ޗެކް ބައުންސްވުމުގެ ސަބަބުން ކޯޓުން ވަނީ އޭނާ ވަގުތުން ޖަލަށް ލުމަށް އަމުރުކޮށްފައެވެ. މީގެ ކުރިންވެސް މިފަދަ މައްސަލަތަކެއްގައި ރާޖްޕާލް ވަނީ ގާނޫނީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް މިފަހަރުގެ އަމުރު އައީ އޭނާ ބޭރު ގައުމަކަށް ފުރަން ތައްޔާރުވެފައި ވަނިކޮށެވެ.
މި ނާޒުކު ދަނޑިވަޅުގައި އޭނާގެ ގާތް އެކުވެރިއެއް އަދި މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ވަނީ މައްސަލައިގެ ތެރެއަށް ވަދެފައެވެ. ޚަބަރުތައް ބުނާގޮތުގައި އަކްޝޭ ވަނީ ކޯޓަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް ވަގުތުން ހަމަޖައްސައިދީ، ރާޖްޕާލް ޖަލަށް ދިއުމުން ސަލާމަތްކޮށްދީފައެވެ. "ބޫލް ބުލައްޔާ" އާއި "ހޭރާ ޕޭރީ" ފަދަ ފިލްމުތަކުގައި އެކުގައި މަސައްކަތްކޮށްފައިވާ މި ދެ ތަރިންނަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ.
މިކަމާ ގުޅިގެން ރާޖްޕާލްގެ ގާނޫނީ ވަކީލު ބުނެފައިވަނީ، މައްސަލަ މިވަގުތަށް ހައްލުވެފައިވާ ކަމަށާއި، ރާޖްޕާލް މިހާރު ހުރީ މިނިވަންކަމާއެކު ގޭގައި ކަމަށެވެ. އަދި ފިލްމީ ދާއިރާގެ އެކުވެރިންގެ ފަރާތުން، ހާއްސަކޮށް އަކްޝޭ ކުމާރުގެ ފަރާތުން ލިބުނު ދީލަތި އެހީތެރިކަމަށް ރާޖްޕާލް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.
