ބޮލީވުޑްގެ ލޯބީގެ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ޝާހިދު ކަޕޫރު، ކުރިއަށް އޮތް ވެލެންޓައިންސް ޑޭގައި އޭނާގެ ފޭނުންނަށް ބޮޑު ސަޕްރައިޒެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ޚަބަރުތައް ބުނެފިއެވެ. މި ފަހަރުގެ ލޯބީގެ ދުވަހު އޭނާ ދެ ކަމެއް ކުރުމަށް ރާވާފައިވާ ކަމަށް ގާތް ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އޭގެ ތެރެއިން އެއް ކަމަކީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ކަމެކެވެ.

ރިޕޯޓުތައް ބުނާގޮތުން ޝާހިދު ރާވަމުންދަނީ އޭނާގެ އަންހެނުން މީރާ ރާޖްޕުތްއަށް އަގުބޮޑު ހަދިޔާއެއް ދިނުމަށާއި، ދެމަފިރިން އެކުގައި ޗުއްޓީއަކަށް ދިއުމަށެވެ. ނަމަވެސް ފޭނުންނަށް އޮތް އެންމެ އުފާވެރި ޚަބަރަކީ، ގިނަ ދުވަސްތަކަކަށްފަހު އޭނާ ކުޅޭނެ ބޮޑު ލޯބީގެ ފިލްމެއް އިއުލާންކުރުމެވެ. "ކަބީރު ސިންގ" އަށްފަހު އެކްޝަން ރޯލުތަކުން ފެނުނު ނަމަވެސް، ފޭނުން އަބަދުވެސް އެދެނީ އޭނާގެ ރޮމޭންޓިކް ފިލްމަކަށެވެ.

މި އާ ފިލްމުގައި އޭނާއާ އެކު ފެންނާނީ ކިއާރާ އަދުވާނީ ނުވަތަ ޓްރިޕްތީ ޑިމްރީ ކަމަށް އަޑުތައް ފެތުރިފައިވެއެވެ. ޝާހިދު މިހާރު ހުރީ މި އިއުލާން ކުރުމަށް ކެތްމަދުވެފައި ކަމަށާއި، ފެބްރުއަރީ 14 ވަނަ ދުވަހު އޭނާގެ ސޯޝަލް މީޑިއާގައި މިކަން ހިއްސާކުރާނެ ކަމަށް ބެލެވެއެވެ. މި ޚަބަރާއެކު އޭނާގެ ފޭނުން ތިބީ އެ ދުވަހަށް އިންތިޒާރުކޮށްގެންނެވެ.